މިއަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެން އެކަމާދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބުރައީސް ރީކޯ މޫސާ މަނިކު މިއަދު ރައްދު ދެއްވައިފިއެވެ.

މޫސާ މަނިކު މިއަދު ވިދާޅުވީ ޓެކްސްބޮޑުވެގެން އެވާހަކަ ދައްކާ ފަރާތްތަކުގެ ތެރޭގައި ދަޢުލަތުގެ މާލިއްޔާއިން މުސާރައާއި، އިނާޔަތް ނަންގަވާ ބޭފުޅުން ތިއްބެވި ކަމަށެވެ. ހަމައެއާއެކު ދަޢުލަތުން ޚަރަދުކުރާ ސިޔާސީ ޕާޓީތަކުންވެސް އެފަރާތްތަކަށް ލިބޭ އެންމެ ރުފިޔާއެއްވެސް ދޫކޮށްލުމަށް އެއްބަސްނުވާކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ އެފަދަ ވާހަކަތައް ދައްކަވާ ބޭފުޅުން ކޯވިޑްގެ ދަތި ޙާލުގައިވެސް މުސާރައާއި، އިނާޔަތުގެ ފައިސާއާއި، ޕާޓީއަށް ފައިސާވެސް ނަންގަވާފައިވާކަމަށެވެ.

"ދެންކޮންވާހަކައެއް؟" މޫސަ ސުވާލު އުފައްދަވާފައިވެއެވެ.



ޓެކްސް ރޭޓުތައް ބޮޑުކުރުމަށް ދަޢުލަތުގެ މާލީ އިދާރާއިން މަޖިލީހަށް ހުށަހެޅި އިސްލާޙުގައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް އިސްލާޙުގައިވެއެވެ. އެބިލު ރައއްޔިތުންގެ މަޖިލީހުގެ 55 މެންބަރުންގެ އަޣުލަބިއްޔަތުން އިއްޔެ ވަނީ ފާސްކޮށްފައެވެ.

ދާދިފަހުން ވޯލްޑު ބޭންކުން ނެރުނު މޯލްޑިވްސް ޕަބްލިކް އެކްސްޕެންޑިޗާ ރިވިއު (ޕީއީއާރު) ރިޕޯޓުގައި ވަނީ ސަރުކާރުގެ މިނިންމުމަށް ތާއީދުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު