އަންނައަހަރު 50 ފާމަސީ އެކަށީގެންވާ ޢިމާރާތްތަކަށް ބަދަލުކުރާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.

ދަޢުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އަމްރު ވިދާޅުވީ އެސްޓީއޯއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ޕާމަސީތައް ހިންގަމުން ގެންދާއިރު އެކަށީގެންވާ ޢިމާރާތްތަކުގައި ހިންގަމުން ގެންދަނީ ވަރަށްމަދު ފާމަސީތަކެއް ކަމަށެވެ.

އަމްރު ވިދާޅުވީ 2015 ގައި 189 ފާމަސީ ހުޅުވުން ވެގެން ދިޔައީ އެސްޓީއޯއަށް ވަރަށްބޮޑު ޗެލެންޖަކަށް ކަމަށެވެ. އެހެންކަމުން ބޭސް ފިހާރަތަކުގެ އިންފްރާސްޓްރަކްޗަރ ރަނގަޅު ކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ދަށުން އަންނަ އަހަރުވެސް 50 ބޭސްފިހާރަ އެކަށީގެންވާ ޢިމާރާތްތަކަށް ބަދަލުކުރާނެ އަމްރު ވިދާޅުވިއެވެ.

"އަންހެނުންގެ ކޮމިޓީގެ އޮފީހެއްގައި އިންނަ ކޮޓަރިއެއްގަވެސް ބޭސްފިހާރަ ހުޅުވާފަ އެބަހުރި. ނުވަތަ އަލަމާރިއެއް ވެސް އެބަހުރި ބައެއް ތަންތަނުގަ." އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ އެސްޓީއޯއިން ކުރިން ހިންގަމުން ދިޔައީ 3 ފާމަސީއެއް ކަމަށެވެ. ނަމަވެސް ކުއްލިއަކަށް ބޭސްފިހާރަތަކުގެ ޢަދަދު އިތުރުވުމުން ހުރިހާ ޕާމަސީއަކަށް ބޭސް ފޯރުކޮށްދިނުމަށް އެކުންފުންޏަށް ދަތިތަކެއް ކުރިމަތިވި ކަމަށްވެސް އަމްރު ވިދާޅުވިއެވެ

އަމްރު އިތުރަށް ވިދާޅުވީ މިހާރު ހުޅުމާލޭގައި ބޮޑު މެޑިކަލް ވެއާ ހައުސްއެއް ޢިމާރާތްކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރުގެ މާޗު ހިސާބަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އަމްރު ވިދާޅުވިއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން