މިއަދަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް 54 ފުރޭ އުފާވެރި ދުވަހެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ރުހުން ހޯދައިގެން ވެރިކަން ކުރެވޭ ނިޒާމީ ހަމައެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ވުޖޫދުވީ 1 ޖެނުއަރީ 1953 ގައެވެ. ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެހެންނަމަވެސް މި ޖުމްހޫރިއްޔާ ދެމިއޮތީ އެންމެ ހަތްމަހާ އެކާވީސްދުވަހުއެވެ. 7 މާރިޗު 1954 ގައި އަނެއްކާވެސް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ވަނީ ރަސްކަމަކަށް ބަދަލުވެފައެވެ.


ރާއްޖޭގެ ތާރީޚީ ފަތްފުއްތައް ހެކިދޭ ގޮތުން ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރިއްޔަތެއް އުފެދިފައިވަނީ 11 ނޮވެމްބަރު 1968 ގައެވެ. ދެވަނަ ޖުމްހޫރިއްޔާގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ވޯޓުން ހޮވިވަޑައިގަތީ އެހާތަނާ ހަމައަށް ރާއްޖޭގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިބްރާހިމް ނާސިރެވެ. ރައީސް ނާސިރު ވަނީ 11 ނޮވެމްބަރު 1968 އިން 11 ނޮވެމްބަރު 1978 އަށް 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ.

ރައީސް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު އެކިގޮތްގޮތުން ވެރިކަން ފުރޮޅައިލަން މަސައްކަތް ކޮށްފައިވެއެވެ. 1974 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު ހިނގައިދިޔަ ބޮޑު ބުރާސްފަތީގެ ހާދިސާ އާއި އޭގެ އަނެއް އަހަރުގެ މާޗް 6 ވީ ބުރާސްފަތި ދުވަހު ހިނގައިދިޔަ ކަޅު ބުރާސްފަތީގެ ހާދިސާ އޭގެ ތެރެއިން ފާހަގަ ކުރެވެއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސަކީ އަލްއުސްތާޛު މައުމޫންއަބްދުލްގައްޔޫމެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވުމަށްފަހު ރައްޔިތުންގެ މަޖިލީހުން އެގޮތަށް ނިންމެވުމުންނެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަމަށް އައްޔަން ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 92.9 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ. ޖުމްލަ ތިރީސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސް މައުމޫނު އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 11 ނޮވެމްބަރު 1978 ގައެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައިވެސް އެކި ފަހަރު މަތިން ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރިއެވެ. އެގޮތުން 1980 އަދި 1983 ގައިވެސް ރައީސް މައުމޫނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ތާރީހު ލިޔުންތަކުގައި ވެއެވެ. ހަމައެއާއެކު 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާ އަކީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެރި ދުވަހެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު ރައީސް މައުމޫނުގެ ވެރިކަން ނިމިފައިވަނީ އައު ޤާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހުއެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަން ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 އިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 10 އަށެވެ.

ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްއަކަށް އިންތިހާބުވެ ވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ހިލޭ ސިއްޙީ ޚިދުމަތްލިބޭ އާސަންދަ ތަޢާރަފް ކުރެއްވުމާއި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމުގެ މަސައްކަތް ފެއްޓެވިއެވެ. ރާއްޖޭގެ ރަށްރަށުގައި ލޯކަލް ކައުންސިލްތައް ޤާއިމުކުރެއްވިއެވެ.

ގާތްގަނޑަކަށް ތިން އަހަރެއްހައި ދުވަހު (ދުވަހުން ބަލާ ނަމަ 1183 ދުވަހު) ވެރިކަން ކުރެއްވުމަށްފަހު އޭރު ސިޔާސީ މައިދާނުގައި ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރާއެކު ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުއެވެ.

ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވުމުން ދައުރުގެ ބާކީބައިގައި ވެރިކަން ކުރެއްވީ އެމަނިކުފާނުގެ ނައިބަކަށް ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކެވެ. ޑރ. ވަޙީދު ރައީސްކަމުގެ ހުވާ ކުރެއްވީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމިފައިވަނީ ބަޣާވާތަކުންތޯ ބެލުމަށް ރައީސް ވަހީދު ތަހުގީގެއް ހިންގެވިއެވެ. އެ ތަޙްޤީޤަށްފަހު އެކުލަވާލި "ކޯނީ" ރިޕޯޓުގައި ބުނެފައިވަނީ 7 ފެބުރުއަރީގައި ހިނގައިދިޔައީ ބަޣާވާތެއް ނޫން ކަމަށެވެ. އެރިޕޯޓް ރައީސް ނަޝީދުވެސް ވަނީ ޤަބޫލުކުރަށްވާކަމަށް ވިދާޅުވެފައެވެ.

ރައީސް ވަހީދު ވެރިކަން ކުރެއްވީ 2012 ފެބްރުއަރީ ހަތަކުން 2013 ނޮވެމްބަރު 16 އަށެވެ. 2013 ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވިއިރު، ރައީސެއް އިންތިހާބު ނުކުރެވޭތީ ނޮވެމްބަރު 16ގެ ނިޔަލަށް ވެރިކަމުގައި ރައީސް ޑރ. ވަހީދު ދެމިހުންނެވިއެވެ. 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމާގުޅިގެން ދެވަނަ ފަހަރަށް އިންތިޚާބު ބާއްވަން ޖެހުމުން އޭގެކުރިން ދެމިގެންއައި ނޮވެމްބަރު 11 ގައި ވެރިކަމުގެ ހުވާކުރުމުގެ ސަޤާފަތަށް ނިމުން އައިސްފައިވެއެވެ.

ރައީސް ވަހީދުގެ ވެރިކަމަށްފަހު 2013 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ދިވެހިޖުމްހޫރިއްޔާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީނަކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމުގެ ކޮއްކޯފުޅެވެ. އެމަނިކުފާނުގެ ވެރިކަމުގައި ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖޭގައި ހިންގަވާފައިވެއެވެ. އެގޮތުން ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތާއި، ހުޅުމާލެ ފޭސް ދޭކާއި، ބޯހިޔާވަހިކަމަށް ފެށި "ހިޔާ" މަޝްރޫއު ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައިވެސް ވެރިކަން ކުރެއްވުމަށް އެކިގޮންޖެހުންތައް ކުރިމަތިވެ ވަޑައިގަތެވެ. އެގޮތުން ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމާއި ވެރިކަންކުރާ ޕާޓީ ޕީޕީއެމް ބައިބައިވުމާއި އެކެއް ފެބްރުއަރީގެ ސުޕްރީމްކޯޓުގެ އަމުރު ފާހަގަ ކޮށްލެވެއެވެ. ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވެ، ވެރިކަމުން ފައިބައި ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. ނަމަވެސް 2018ގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލިކަމަށްބުނެ ރައީސް ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ޗެލެންޖު ކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން ނިންމަވާފައިވަނީ އެފަދަކަމެއް ހިނގާފައިނުވާކަމަށެވެ.

މިހާރުގެ ޤާނޫނުއަސާސީން އެއްބުރުން ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވި ހަމައެކަނި ރައީސަކީ 2018 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވި ދެވަނަ ޖުމްހޫރިއްޔާގެ 6 ވަނަ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމާއި، މުޅި ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމުން ގުޅާލުމުގެ މަސައްކަތްގެންދަވަނީ ކުރަށްވަމުންނެވެ.

މީގެއިތުރުން ވަކި ރަށެއް ބާކީ ކުރުމެއްނެތި ރަށްރަށުގައި އުމްރާނީ، ސިއްހީ، އިޖުތިމާއި އަދި ކުޅިވަރާއި ބޯހިޔާވަހިކަމުގެ ތަރައްގީގެ ގިނަ މަޝްރޫޢުތައް ހިންގެވުމާއި ތިލަމާލެ ނުވަތަ ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަޝްރޫޢާއި މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު