ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ސާބިތުވެ މަޤާމުން ވަކިކުރަން ނިންމައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ، ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމާއި ގުޅޭ ގޮތުން އެކޮމިޝަނަށް ހުށަހެޅުނު 22 މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ އާދީއްތަ ދުވަހު ބޭއްވި މި ކޮމިޝަންގެ ޖަލްސާގައި ވަނީ ފާސްކޮށްފައި ކަމަށެވެ.

ޖޭއެސްސީން ބުނީ ލުއައްޔު އިބްރާހީމާއި ގުޅޭ ގޮތުން ކޮމިޝަނަށް ހުށައަޅާފައިވާ 22 މައްސަލައިގެ ތެރެއިން 20 މައްސަލާގައި އޭނާ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ހިނގާފައިވާކަން ސާބިތު ނުވާ ކަމަށެވެ. އަދި އަނެއް 2 މައްސަލައިގައި ވަނީ ސުލޫކާ ޚިލާފުވެފައިވާކަން ސާބިތުވެފައިކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

"ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގައި ވަޒީފާ އަދާކުރި މުވައްޒަފަކާމެދު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ޖިންސީ ގޯނާގެ އަމަލެއް ހިންގާފައިވާކަން ވަނީ ސާބިތުވެފައިވެއެވެ." ޖޭއެސްސީގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ކޯޓުގެ ރަސްމީ ގަޑީގައާއި އެ ނޫންވެސް ވަގުތުތަކުގައި އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް ވިޔަފާރީގައި ޢަމަލީ ގޮތުން ހަރަކާތްތެރިވެފައިވާކަމާއި، މި މައްސަލާގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވަން އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ލުއައްޔު އިބްރާހީމް މަސައްކަތްކުރިކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަޖޭއެސްސީން ބުނީ ލުއައްޔުގެ މައްޗަށް ސާބިތުވި ކަންކަމަކީ ފަނޑިޔާރުންގެ ގާނޫނުގެ 32 މާއްދާގެ (ހ)ގެ (8) ވަނަ ނަންބަރާއި (9) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.8 ވަނަ ނަންބަރާއި، 6.1 ވަނަ ނަންބަރާއި، 3.2 ވަނަ ނަންބަރާއި، 4.1 ވަނަ ނަންބަރާއި ހިލާފު އަމަލުތަކެއް ކަމަށެވެ.

އެހެންކަމުން، ޖޭއެސްސީގެ ގާނޫނުގެ ދަށުން އޭނާ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ވަނީ ނިންމާފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން