ޗާގޯސް މައްސަލައަކީ ސިޔާސީގޮތުން ގޮތްހުސްވެގެން އިދިކޮޅުން ކުޅޭ ކާޑެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.

ސަޢުދު މިމޭރުމުން ވިދާޅުވެފައިވާއިރު، ރާއްޖެއާއި މޮރިޝަޝްގެ އިމުގެ މައްސަލައިގައި ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށާއި އެއާއި ދެކޮޅަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ހަގީގަތް އޮޅުވާލަން ވެގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްވެސް ވަނީ ވިދާޅުވެފައެވެ.

ޗާގޯސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަޢުދު ވިދާޅުވީ، ޗާގޯސް މައްސަލަ ނަގައިގެން އިދިކޮޅުން މިހާރު ސިޔާސީގޮތުން ކުޅެން އުޅޭ ކުޅިގަނޑު ކާމިޔާބު ނުވާނެ ކަމަށެވެ. ހަމައެއާއެކު އިދިކޮޅުގެ އެ ކެމްޕޭނަކީ ސިޔާސީގޮތުން ގޮތް ހުސްވެ 2023 އަތުނުވާނެކަން ޔަޤީންވުމުން ކުރާ ކެމްޕޭނެއްކަމަށް ސަޢުދު ވިދާޅުވިއެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރާއްޖޭގެ ބިމުންނާއި ކަނޑުން އިންޗިއެއްވެސް ދޫކުރާނެ ރައީސެއްނޫން." ސަޢުދު ވިދާޅުވެފައިވެއެވެ.

ސަޢުދު އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖެ ވެފައިމިވަނީ މުޅިދުނިޔޭގެ ހުރިހާ ޤައުމަކުން ބަލައިގަންނަ އިޙްތިރާމް ލިބިގެންވާ އެކުވެރިއަކަށް ކަމަށެވެ.

"ޗާގޯސް މައްސަލައޭ ކިޔައިގެން އުޅެނީ ކުޅޭނެ ސިޔާސީ ކާޑު ހުސްވެ ބަލިވާތަން ފެނުމުން ގޮތްހުސްވެ މާޔޫސްކަން ފިލުވޭތޯ." ސަޢުދު ވިދާޅުވިއެވެ.

ޗާގޯސް މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުން ލިބޭފަދަ އެއްވެސް ނިންމުމެއް މި ސަރުކާރުން މިހާތަނަށް ވެސް ނިންމާފައިނުވާނެ ކަމަށާއި ދެން ވެސް އެފަދަ ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މޮރިޝަޝް މައްސަލައިގައި ރާއްޖެއިން ދަމަހައްޓަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމަށެވެ. އެހެން ނަމަވެސް ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރުމަށް ކަނޑައެޅިގެން އެނގި ތިބެ އެމައްސަލައާއި ގުޅިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައި ވެސް ވަކި މީހެއްގެ އަމިއްލަ ބޭނުމަށް ނޫނިއްޔާ ވަކި ބަޔެއްގެ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް އަދި ކަމުގެ ހަގީގަތް އެނގިތިބެ ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރަމުންދިޔުމަކީ ވަރަށް ދެރަ މައްސަލައެއް، އެފަދަ ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ އެއަށްވުރެ މާ ބޮޑަށް ހިތާމަހުރިކަމެއް،" ރައީސް ސާލިޙު ވިދާޅުވިއެވެ.

ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ނޫންކަމަށް ވިދާޅުނުވެވޭނެ ކަމަށާއި، ފޯޅަވައްސަކީ މޮރިޝަސްގެ ތަނެއްކަމަށް ރާއްޖޭން ގަބޫލުކުރުމުން، އޭގެން ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުން ބައެއް ދޫކޮށްލެވެނީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން