އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރި ނަމަވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވެގެންދާނެ ކަމަށް ނުބެލެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެެއްގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް ވޯލްޑް ބޭންކާއި އައިއެމްފް ފަދަ މާލީ އިދާރާތަކުން މަރުހަބާ ކިޔާ ކަމަށެވެ. ރާއްޖޭގައި މިހާރު ނަގަމުންދާ ޓީޖީއެސްޓީ އަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ އެހެން ކުދި ގައުމުތަކާއި އަޅާ ބަލާއިރު ނިސްބަތުން ކުޑަ އަދަދެއް ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން ފަތުރުވެރިންގެ އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރި ނަމަވެސް އެކަމުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

"ޓީޖީއެސްޓީ އިތުރުކުރުމަކުން އަޅުގަނޑުމެންނަކަށް ނުފެނޭ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވެެގެންދާނެ ކަމަށް، މިހާރު ވެސް ހަމަ އެހެނިހެން ގޮތް ގޮތުން ވެސް މިސާލަކަށް އެ ދެވޭ ޚިދުމަތުގެ އަގު އެބަ މަތިވެގެންދޭ. މިސާލަކަށް އެއާލައިން އަގުތަކާއި އެކި އެކި ގޮތްގޮތުން ދެވޭ ޚިދުމަތުގެ އަގު އެބަ މަތިވެގެންދޭ، ޓީޖީއެސްޓީ އިތުކުރުމަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރެއް ކުރާތަނެއް އަޅުގަނޑުމެންނަކަށް ނުފެނޭ." އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައިވަނީ ޓީޖީއެސްޓީ 16 އިންސައްތައިގައި ނެގުމުން އާމްދަނީ 2.16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކޮށްފަ އެވެ.



ކިޔުންތެރިންގެ ހިޔާލު