އއ. މާޅޮހުގެ ދެކުނުން ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ފުލުހުން ބުނީ މިމަހުގެ 7 ވަނަ ދުވަހު އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު މިންހާޖު، 28، ހޯދުމަށް 78 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި މިހާރު އެ އޮޕަރޭޝަން ހުއްޓާލާފައިވާކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ލޯންޗުން ދަތުރުކުރި އަލީ މުހައްމަދުގެ ފަރާތުން ލިބުނު މައުލޫމާތުން މި މީހުންގެ ދަތުރާއި ބެހޭ ގޮތުން އާއްމުންގެ ތެރޭގައި ދެކެވޭ ވާހަކަތަކުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރިކަމަށެވެ.

ފުލުހުން މިހެން ބުނެފައި މިވަނީ ބަންޑުން ޖަހާލި ލޯންޗު ދަތުރުކުރީ މަސްތުވާތަކެތި ގެނައުމަށް ކަމަށް ބުނެ ރަށު ތެރޭގައި ވާހަކަދެކެވެމުންދާތީއެވެ.

ފުލުހުން ބުނީ މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ފުލުހުން ބުނީ ލޯންޗު ބަންޑުން ޖަހާލި ޙާދިސާގައި ކުރި ދަތުރާ ގުޅޭގޮތުން މިޙާދިސާގައި ސަލާމަތްވެ އއ.ފެރިދޫއަށް އެރި ޢަލީ އަޙްމަދު ދައްކާފައިވާ ވާހަކަތަކުގައި ސުވާލު އުފެދޭކަންތައްތަކެއް އެބަހުރިކަމަށެވެ. އަދި މިމައްސަލައިގައި ޝައްކުކުރެވޭ ބައެއްކަންކަން ހުރުމާއިއެކު އެކަންކަން ދެނެގަތުމަށް އިތުރަށް ތަޙުގީގުކުރަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

މިންހާޖު ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ވަނީ ބާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު