ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނު މުޙައްމަދު އަޒުހާންގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ ބައެއް މައްސަލަތަކުގެ ތަފުސީލު ހާމަ ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ހުޅުމާލޭގެ ގަސްތަކެއްގެ ތެރެއިން ފެނުނީ އަޒުހާންގެ ހަށިގަނޑު ކަމަށާއި، އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަމަށް ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ނުދައްކާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، އަޒުހާންގެ ޕޯސްޓްމޯޓަމްގެ ދާއިމީ ނަތީޖާ ލިބެން އަދި ދެ މަހެއްހާ ދުވަސް ނަގާނެ ކަމަށެވެ.

އުމުރުން 27 އަހަރުގެ އަޒުހާން ހުޅުމާލެއިން ގެއްލިފައިވަނީ މިދިޔަ މަހުގެ 19ވަނަ ދުވަހުއެވެ. ހުޅުމާލޭގައި ހަދާ ވޯޓާ ތީމް ޕާކް ކުރިމަތީގައި އޮންނަ ހުސް ބިމުން އޭނާގެ ހަށިގަނޑު ފެނުނު ނަމަވެސް، ޕޯސްޓްމޯޓަމް ހެދުމުގެ ކުރިން އެއީ އަޒުހާންގެ ހަށިގަނޑު ކަމަކަށް ފުލުހުން ކުރިން ބުނެފައެއް ނުވެއެވެ. ނަމަވެސް، ޕޯސްޓްމޯޓަމްގެ ނަތީޖާއާއިއެކު އިއްޔެ ވަނީ އަޒުހާންގެ ކަށުނަމާދު ކުރިއަށް ގެންގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު