އަންނަ އަހަރަށް ލަފާކޮށް ބޮޑު ބަޖެޓެއް ހުށައަޅަން ނިންމާފައިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް ޕީއެންސީ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައެޅުމަށް ސަރުކާރުން ވަނީ ނިއްމާފައެވެ. މިކަމާގުޅިގެން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބޮޑު ބަޖެޓާއެކު ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާނެ ކަމަށެވެެ. އަދި ސަރުކާރު ހިންގުމުގެ ހަރަދު މިހާރުން މިހާރަށް ކުޑަނުކޮށްފިނަމަ 2023 ނިމުމުގެ ކުރިން ރާއްޖެ ބަގުރޫޓް ވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ. އޭނާ އިތުރަށް ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ޚަރަދުކުރަނީ ރިކަރަންޓް ޚަރަދަށް ކަމަށެވެ. އަދި ސަރުކާރު އޮތީ ސިޔާސީ މީހުން ގިނަވެ މަތިބަރުވެފައި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



"ލިބޭ އާމްދަނީއަށް ވުރެ ބޮޑު ބަޖެޓެއް ހުށައަޅަނީ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން،" ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

ރިކަރަންޓް ޚަރަދު ބޮޑުވެގެން އާދަމް ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވިއިރު ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ބަޖެޓުގެ ބޮޑުބައި ހޭދަކުރަނީ ރިކަރަންޓަށެވެ. އަދި ސަރުކާރުގެ މަތިބަރު ވާހަކަ ދައްކަވާއިރު އާދަމް ޝަރީފް ނިސްބަތްވެ ވަޑައިގެންނެވި ނިމިދިޔަ ސަރުކާރަކީ މިހާތަނަށް އެންމެ މަތިބަރު އެއް ސަރުކާރުކަން އޭރު ގިނަ ބަޔަކު ފާހަގަ ކުރަމުން ގެންދިޔަ އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާ އެއްގޮތަށް ބަޖެޓް ހުށަހެޅުން ކަމަށެވެ. ފިޒިކަލް ސްޓްރެޓަޖީގެ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނެ ބަޖެޓެއްގެ ގޮތުގައިކަނޑައަޅާފައިވަނީ 41.5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު