ހައްގު ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭން ނިންމުމަކީ ސަރުކާރުން އަޅާ ރަނގަޅު ފިޔަވަޅެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ސަރުކާރުން ސަބްސިޑީ ދޭ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެންމެންނަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދިނުމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް 41.5 ބިލިއަން ރުފިޔާއަށް އަރާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް އާބާދީގެ ބޮޑުބައެއް ދައުލަތުގެ ވަޒީފާގައި އުޅޭއިރު އާއި ސަބްސިޑީއަށް ރައްޔިތުން ބަރޯސާވެފައި އޮންނައިރު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީ ދޭން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ފިޔަވަޅެއްކަމަށް ޝަރީފް ވިދާޅުވިއެވެ.



އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ސަބްސިޑީއަށް ގެންނަ ބަދަލުތަކާއި ގުޅޭގޮތުން ކުރެވޭ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ. އަދި އެކަމުގައި ދެން އޮތީ "ފައިނަލް އެޕްރޫވަލް" ހޯދުންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަބްސިޑީއަށް ބަދަލު ގެންނާނީ އާއްމު ރައްޔިތު މީހާއަށް ނިކަމެތިކަމެއް ނުލިބޭ ގޮތަށްކަމަށެވެ. އަދި އެކަމާއި ގުޅޭގޮތުން ގެންނަ ބަދަލުތައް ތަންފީޒުކުރަން ފަށާނީ އެ ނިޒާމު ހިނގާނެކަން ޔަގީންވުމުންކަމަށްވެސް އަމީރު ވިދާޅުވިއެވެ.

ދައުލަތުން ދެމުން އަންނަ ސަބްސިޑީގެ ސިޔާސަތަށް ބަދަލު ގެންނަވާނެކަން މިއަހަރުގެ ޖުލައި މަހު އިއުލާންކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނު އޭރު ވިދާޅުވީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގާއި، މުދަލުގެ އަގު، އިންތިހާއަށް އުފުލިއްޖެކަމަށާއި ނަމަވެސް، އޭގެ އަސަރު އެހެން ބައެއް ޤައުމުތަކުގެ ރައްޔިތުންނަށް ކުރާވަރާ ގާތަށްވެސް އަދި ދިވެހިންނަކަށް ނުކުރާކަމަށެވެ. އަދި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ބޮޑުވިވަރާ ކައިރިއަށްވެސް، ރާއްޖޭގައި ތެލުގެ އަގަށް ބަދަލެއް ނުގެންނަކަމަށާއި އެއީ އޭގެ ހަޤީޤީ ބުރަ ސަރުކާރުން އުފުލަމުންދާތީކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ސަބްސިޑީ ދޭ އުސޫލަށް ބަދަލުގެނައުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ވަނީ ލަފާދީފައެވެ. އެގޮތުން ސަބްސިޑީ ދޭއިރު ސަބްސިޑީ ބޭނުން ނުވާ ފަރާތްތަކަށްވެސް ސަބްސިޑީ ދޭކަން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު