އަހުމަދު މަސްނޫމް   13 އޮކްޓޯބަރު 2022 - 20:49
މިދިޔަމަހު ހުޅުމާލެއިން ގެއްލިގެން ހޯދަމުންދިޔަ އަޒްހާން މުހައްމަދުގެ ކަށު ނަމާދު މާދަމާ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

މިދިޔަމަހުގެ 19 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު މިމަހުގެ 2 ވަނަ ދުވަހު ވަނީ ފެނިފައެވެ. އަދި އެ ހަށިގަނޑު ވަނީ ޕޯސްޓްމޯޓަމް ހަދަން ރާއްޖެއިން ބޭރަށް ފޮނުވާފައެވެ.

އަޒްހާންގެ ކަށުނަމާދު މާދަމާ ބޭއްވުމަށް އާއިލާއިން ހަމަޖައްސާފައިވަނީ ހުޅުމާލެއިން ފެނުނު ހަށިގަނޑަކީ އަޒްހާންގެ ހަށިގަނޑުކަން ފުލުހުން ޔަގީންކޮށްދިނުމުންކަމަށް ބެލެވެއެވެ. ނަމަވެސް ފުލުހުން މިކަމާއި ގުޅޭގޮތުން އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ އަޒްހާންގެ ޕޯސްޓްމޯޓަމްއާ ގުޅޭގޮތުންވެސް ވާހަކައެއް ނުދައްކައެވެ.

އަޒްހާންގެ ކަށުނަމާދު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހުކުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.

އަޒްހާން ގެއްލިގެން އޭނާ ހޯދުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ. އެމަސައްކަތުގެ ތެރެއިން މިމަހުގެ 2 ވަނަ ދުވަހުގެ ހަވީރު ފުލުހުންނަށް ވަނީ އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ހުޅުމާލޭ ވޯޓާ ތީމް ޕާކު ސަރަހައްދުގެ ގަސްތަކެއްގެ ތެރެއިން ފެނިފައެވެ.

ހުޅުމާލޭން ފެނުނު ހަށިގަނޑަކީ ގެއްލިގެން ހޯދަމުން އަންނަ އަޒުހާންގެ ހަށިގަނޑަށް ވުން ގާތް ކަމަށް ފުލުހުން މީގެކުރިންވެސް ބުނެފައިވެއެވެ. އަދި އޭނާ މަރާލާފައިވާކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު