ފިޗް ރޭޓިންސްއިން ރާޢްޖެއަށް ދީފައިވާ "ބީ މައިނަސް" ރޭޓިން އަނެއްކާވެސް ދަމަހައްޓައިފިއެވެ.

ފިޗް ރޭޓިންސްއަކީ އިގްތިސާދީ ހާލަތު ވަޒަންކުރުމަށްފަހު އެކަމާއިގުޅޭ ހޯދުން އާއްމުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީއެވެ.

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވަނީ މޫޑީސް އިންވެސްޓަރސް ސަރވިސް (ޖޫސް) އާއި ފިޗް ރޭޓިންގސް (ފިޗް) އަށެވެ.

ފިޗުން މިއަދު ވަނީ ކުރިއަށް އޮތް އަހަރަށް ރާއްޖެއަށް ދޭ ރޭޓިން އާންމުކޮށްފައެވެ. އެގޮތުން ފިޗުން ވަނީ މިދިޔަ އަހަރު ރާއްޖެއަށް ދިން 'ބީ މައިނަސް' ރޭޓިން ދަމަހައްޓާފައެވެ. ރޭޓިން ދަށްނުކޮށް، އެއްވަރެއްގައި ދެމެހެއްޓި ސަބަބަކީ ފަތުރުވެރިކަމުގެ ސިނާއަތް ހަލުވިކަމާއެކު ކުރިއަރައި، ރާއްޖޭގެ އިގްތިސާދަށް ކުރިއެރުން ލިބުމެވެ. އެގޮތުން ރާއްޖޭގެ އިޤްތިޞާދު މިއަހަރު 9.5 އިންސައްތަ އަދި އަންނަ އަހަރު 7.5 އިންސައްތަ ކުރިއަރާނެކަމަށް ފިޗުން ލަފާކުރެއެވެ.

ފިޗުގެ ރިޕޯޓްގައި ފާހަގަކޮށްފައިވާގޮތުން ރާއްޖޭގެ އިޤްތިޞާދަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. މިގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭރު ފައިސާގެ ރިޒާވް ވަނީ 1 ބިލިއަން ޑޮލަރުން 540 މިލިއަން ޑޮލަރަށް ވެއްޓިފައެވެ.

ދަރަނި ބޮޑުވުމަކީވެސް ރާއްޖޭގެ އިޤްތިޞާދަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ފިޗުން ދެކެެއެވެ. އެގޮތުން ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ (ޖީޑީޕީ)ގެ ނިސްބަތުން 101.8 އިންސައްތައަށް މި އަހަރު އަރާނެ ކަމަށް ބެލެވޭކަމަށް ފިޗުން ބުނެއެވެ. މިދިޔަ އަހަރު ނިމުނުއިރު ހުރީ 96.2 އިންސައްތައިގައެވެ.

ފިޗުގެ ރިޕޯޓުގައި ދަރަނި ނަގައިގެން ހިންގާ މަޝްރޫއުތަކަށް ކުރާ ހަރަދު މައްޗަށް ގޮސް، ބަޖެޓް ޑެފިސިޓްވެސް މިދިޔަ އަހަރަށްވުރެ މިއަހަރު ބޮޑުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު