ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މައްސަލަތަކެއް ފާހަގަކޮށްފައިވާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް [އެޗްއާރްސީއެމް]ގެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަށް އަޅާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، އެޗްއާރުސީއެމްގެ ރިޕޯޓަކީ ކުރީގެ ރިޕޯޓެއް ކަަމަށާއި އެ ރިޕޯޓާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަށް އަޅާފައިވާ ކަމަށެވެެ. މިއުވާން ވިދާޅުވީ ގުރައިދޫ މަރުކަޒުގައި މަސައްކަތް ކުރާނެ މީހުން ތަމްރީން ކުރުމާއި ތަނުގެ ތަރައްގީއަށް ގެންނަންޖެހޭ ބަދަލުތައް މިހާރު ގެނެސްފައިވާ ކަމަށެވެ. އަދި ގުރައިދޫ މަރުކަޒުގެ އެއް އިމާރާތް ފިޔަވައި އެހެން ހުރިހާ އިމާރާތެއްގެ މަރާމާތުގެ މަސައްކަތް ނިމިފައިވާ ކަމަށް ޖެންޑާ މިނިސްޓަރު މިއަދު މައުލޫމާތު ދެއްވާފައިވާ ކަމަށް މިިއުވާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ގުރައިދޫ މަރުކަޒުގެ މިހާރުގެ ހާލަތު މިހާރު ބަދަލުވާނެ ކަމަށެވެ.

މީގެއިތުރުން ގުރައިދޫ މަރުކަޒުގައި މީހުންނަށް އެހީތެރިވުމަށް އުޅޭ މީހުންނަކީ ތަމްރީން ލިބިފައިވާ މީހުންނަށް ހެދުމަށް ޕްރޮގްރާމްތައް ހިންގަމުންދާކަން ވެސް މިއުވާން ފާހަގަކުރެއްވި އެވެ.

އެޗްއާރްސީއެމުން ބުނީ އެ ރިޕޯޓަކީ މިއަހަރުގެ މާޗް ހަވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހަށް ގުރައިދޫގައި ހުންނަ މަރުކަޒަށް އެޗްއާރްސީއެމްގެ މެންބަރަކާއި ކޮމިޝަންގެ ހަތަރު މުވައްޒަފުން ޒިޔާރަތްކޮށް އޭރު ފާހަގަކުރެވުނު ކަންކަން ހިމަނައި ތައްޔާރުކުރި ރިޕޯޓެއް ކަމަށެވެެ. އެ ރިޕޯޓްގައި ބުނެފައިވަނީ މަރުކަޒުގެ ބަލި މީހުންނަށް ބައެއް މުވައްޒަފުންގެ ފަރާތުން އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަމަށެވެެ.

އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން ފަރުވާ ހޯދަމުންދާ މީހުންނާ ދޭތެރޭގައި ބައެއް ކެއާވޯކަރުން ލާއިންސާނީ އިހާނެތި އަމަލު ހިންގާކަމާއި އެ ގޮތުން ބަލި މީހުންނާ ދިމާލަށް ބޭއަދަބީ ހަޑިހުތުރު ބަހުން މުއާމަލާތު ކުރާ ކަމަށް ރިޕޯޓްގައިވެއެވެ. އަދި ބަލި މީހުންނާ ދޭތެރޭގައި އަނިޔާވެރި ގޮތަށް އަމަލުތައް ބަހައްޓާކަމަށް މަރުކަޒުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންނާއި މަރުކަޒުން ބަލަހައްޓަމުންދާ އުމުރުން ދުވަސްވީ މީހުން މައުލޫމާތު ދީފައިވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ. އަދި ގުރައިދޫ މަރުކަޒުގެ ޖާގައިގެ އިތުރަށް މީހުން ތިބި ކަމަށް އެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު