2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި ހިމަނާނެ މަސައްކަތެއް ނެތް ރަށްރަށް ވެސް އެބަހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް ހާލަތާ ގުޅޭ މައުލޫމާތު ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ކޮވިޑުގެ ދަތި ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ގިނަ ކަންކަން ފުއްދައިދިނުމަށް އަސާސީ ހިދުމަތްތަކާއި ގުޅޭ ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގަމުން ދިޔަކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އުމްރާނީ ތަރައްގީގެ އަސާސީ ކަންކަން ކަމަށްވާ ފެނާއި ނަރުދަމާ، ސުކޫލުތައް ތަރައްގީ ކުރުން އަދި ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން ވެސް މި 4 އަހަރުގެ ތެރޭގައި ކުރިއަށް އެބަ ގެންދެވޭ ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތްތަނުގައި އިތުރަށް ބަޖެޓުގައި ޖަހާނެ ކަމެއް ގިނަ ރަށްރަށުގައި ނެތް ކަމަށް އަމީރު ވިދާޅުވިއެވެ.

"ބޭސިކް އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓު، ފެނާއި ނަރުދަމާއަށް ވިޔަސް، ސުކޫލުތައް ވިޔަސް، ސިއްހީ ކަންތައްތައް ވިޔަސް، އަޅުގަނޑުމެންނަށް އެ މަސައްކަތްތައް އެބަ ކުރެވޭ، އަޅުގަނޑުމެން މި 4 އަހަރު ތެރޭގައި ދިމާވި އެކިއެކި އުނދަގޫތަކާއި އެކުވެސް، އެހެންވީމަ ކުރިއަށް އޮތް ތާގައި ހަގީގަތުގައި އިތުރަށް ބަޖެޓުގައި ޖަހާނެ ކަމެއް ގިނަ ރަށްރަށުގައި ނެތް." އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުރީގެ އެއްވެސް ސަރުކާރުން ނުކުރާވަރަށް ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތް މި ސަރުކާރުން ކޮށްފައިވާކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިހާބު އޮތެއްކަމަކު މިއަންނަ އަހަރުގެ ބަޖެޓަށް އެގޮތަށް ބުރަ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ސަރުކާރުން މި އަންނަ އަހަރަށް ލަފާކުރަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަން މިނިސްޓަރު މިއަދު ވަނީ ހާމަ ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު