އަހުމަދު މަސްނޫމް   13 އޮކްޓޯބަރު 2022 - 16:19
މިދިޔަމަހު ދިވެހި ކަސްޓަމަށް އިމްޕޯޓް އެކްސްޕޯޓުން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް ކަސްޓަމުން ހާމަކޮށްފިއެވެ.

ކަސްޓަމުން ބުނީ ފާއިތުވި ސެޕްޓެމްބަރމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ ސީ.އައި.އެފް އަގު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރމަހާ އަޅާބަލާއިރު 27 އިންސައްތަ ވަނީ އިތުރުވެފައިކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ދިވެހިރާއްޖެއަށް 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 4.4 ބިލިއަން ރުފިޔާ އަށް އިތުރުވެފައިކަމަށް ކަސްޓަމުން ބުނެއެވެ.



ކަސްޓަމުން ބުނީ ފާއިތުވި ސެޕްޓެމްބަރ މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ އަޅާބަލާއިރު 25 އިންސައްތަ ވަނީ އިތުރުވެފައިކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު 281 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ސެޕްޓެމްބަރ މަހު މި ޢަދަދުވަނީ 351 މިލިއަން ރުފިޔާއަށް އިތުރުވެފައިކަމަށް ކަސްޓަމުން ބުނެއެވެ.

ކަސްޓަމުން ބުނީ ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި ސިންގަޕޯކަމަށެވެ. އޮމާން އިން 794 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 627 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޗައިނާ އިން 525 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޔޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 392 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު