ގިނަ އަދަދެއްގެ މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅޭ ގދ. ހޯނޑެއްދޫ، އަލޯރާ، އަރުޝަދު ޚާލިދު ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު، ފުލުހުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ ހައިކޯޓުން ކޮށްފައިވާ އަމުރާ ހިލާފަށް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ، ބަންދުކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ދިވެހި ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނިކޮށް، 12 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 19:45 އަށް ފުލުހުން އޭނާ ކޯޓަށް ހާޒިރު ކުރީ، ފުލުހުންގެ ހައްޔަރުން ދޫކޮށްލައި އެކަމާ ގުޅޭ ލިޔުމެއް އޭނާއަށް ރައްދުކުރުމަށްފަހުގައި ކަމަށެވެ.

އެހެންކަމުން، މި ކަމުގައި ދިވެހި ފުލުހުންގެ ހިދުމަތުން އަމަލުކޮށްފައިވާގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފު ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި، ޕީޖީ އޮފީހުން ބުނީ، އަރުޝަދު ޚާލިދު ހައްޔަރު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރު ނެރުމާއެކު، އެ އޮފީހުން ގެންދިޔައީ މިކަމުގައި އަމަލު ކުރަންވީގޮތުގެ އިރުޝާދު ދިވެހި ފުލުހުންނަށް ދެމުން ކަމަށެވެ.

ނަމަވެސް، އަރުޝަދު ޚާލިދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް އެ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނޭ ކަމަށާއި އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން އެ އޮފީހުގެ ލަފަޔަކަށް ވެސް އެދިފައި ނުވާކަމަށް ޕީޖީން ވަނީ ބުނެފައެވެ. އަދި މިކަން ހިނގާފައިވަނީ މައްސަލަ ތަހުގީގުކުރާ ފަރާތާއި، ތަހުގީގުކުރި ޑިޕާޓްމަންޓަށް އެނގުމެއްނެތިކަމަށް ޕީޖީ އޮފީހަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެއެވެ.

އެހެންކަމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ޚިލާފަށް އަރުޝަދު ޚާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މިހާރު އަންގާފައިވާނޭ ކަމަށާއި އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި މި މައްސަލައިގައި ދިވެހި ފުލުހުންގެ އިދާރާގެ މުވައްޒަފުންތަކެއް ގޯސްތަކެއް ހަދާފައިވީނަމަވެސް، މިމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބަނީ ބުނެފައެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު މާލެއިން އަތުލައިގަތް 9 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައާއި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގައި އެންމެ އިސްކޮށް ހުރިކަމަށް ފުލުހުން ތުހުމަތުކުރާ އަރުޝަދު ރާއްޖޭން ބޭރުގައި ދިރިއުޅެނިކޮށް ރާއްޖެއަށް ގެނެސްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

އަރުޝަދު ޚާލިދު ދުބާއީން ޑީޕޯޓްކޮށްލުމުން ލަންކާ މަގުން ރާއްޖެ ގެނެސްފައިވަނީ ހައިކޯޓުގެ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުންނެވެ. އަރުޝަދުގެ ބަންދުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންގޮސްފައިވަނީ ރޭ 7:45 ގައެވެ.

ހައިކޯޓުން މިހާރު ވަނީ އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށާއި، ކޯޓުގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ އޭނާ މާލޭން ބޭރަށް ނުދިޔުމަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު