އިބްރާހިމް ފަހީމް   13 އޮކްޓޯބަރު 2022 - 14:43
ވިއްސާރަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ޅ.ނައިފަރުގައި ފެން ބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ، ނައިފަރުގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށާއި ދުއްވާ އެއްޗެއްސަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް އުނދަގޫތައް ދިމާވަމުން ދާތީ، ފެންބޮޑުވި ސަރަހައްދުތަކުން ފެން ހިއްކުމަށް ސިފައިންގެ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ފަޔަރ އެންޑް ރެސްކިޔު ކޮންޕޯނަންޓްގެ ސިފައިން ދަނީ މިއަދުގެ މެންދުރު 12:00 ހާއިރުން ފެށިގެން އެ ސަރަހައްދުތަކަށް ގޮސް ހަރަކާތްތެރިވަމުން ކަމަށެވެ.

އެގޮތުން ނައިފަރުގެ ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ޕަންޕު ބަހައްޓައިގެން ފެންގަނޑު ހިއްދުމަށް ސިފައިން ދަނީ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްރަށުގައި ދަނީ ފެންބޮޑުވުމުގެ ހާދިސާތައް ހިނގަމުންނެވެ. އަދި އުދަ އެރުމުގެ ހާދިސާތައް ވެސް ބައެއް ރަށްރަށަށް އަންނަނީ ކުރިމަތިވަމުންނެވެ.

އެހެންކަމުން އެފަދަ ހާލަތްތަކަށް ތައްޔާރަށް ތިބުމަށް ކަމާބެހޭ އިދާރާތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު