އަދުލް އިންސާފަށް ވާސިލް ނުވެވޭގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތަކަކީ ބާތިލް ގާނޫނުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު, ބޮންޑޭ ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިންސާފަށް ވާސިލްވެވޭނެ ގޮތެއް ނެތް ކަމަށެެވެ. ގާނޫނު އަސާސީ ބިނާވެފައި އޮތް ބިންގަލަކީ ރައްޔިތުންނަށް އިންސާފު ހޯދައިދިނުން ކަމަށާއި އެ ބިންގާ މުގުރާލައި ރައްޔިތުންނަށް އިންސާފަށް ވާސިލްނުވެވޭގޮތަށް މަޖިލީހުން ފާސްކުރިއަސް އެ ގާނޫނުގެ އެމާއްދާ އެއް ބާތިލްވާނެ ކަމަށް ބޮންޑޭ ވިދާޅުވިއެެވެެ.

"ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އިންސާފަށް ވާސިލްވެވޭނެ ގޮތެއް ނެތް. އެއީ ޑްރަގު މައްސަލައެއްގައި ހައްޔަރުކުރި މީހާ އޭނާގެ އަތުން ޑްރަގު އަތުލިއިރުގައި އެ އޮންނަ އިޖުރާއަތްތައް ރަނގަޅަށް ނުބެލެހެއްޓީމަ އޭނާގެ ޖީބުގައި ޑްރަގުން ފެންވަރައިގެން ބަނޑު ފުރެންދެން ކައިގެން ހުންނަ މީހާ ގެންދިޔައީމާ ވެސް ބުނަނީ ނޫނެކޭ ކަލޭމެން ހައްޔަރުކުރީ އެ އޮންނަ އިޖުރާއަތަކުން ނޫނޭ، އެހެންވީމަ މިނިވަންވީއޭ. މިއީ އަޖައިބެއް ކަހަލަ ކަމެއްނު؟ ދެން އެމީހުންގެ ދިފާއުގައި އެހެން ބަޔަކު ވެސް އެ އުޅެނީ އެއްނު." އިޖުރާއަތާއި ޚިލާފު ކަމަށް ބުނެ ކޯޓުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ދޫކުރަމުންދާތީ އެކަމާ މެދު ކަންބޮޑުވުން ހިއްސާ ކުރަށްވަމުން ބޮންޑޭ ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑެ ވިދާޅުވީ ޗެއިން އޮފް ކަސްޓަޑީގެ ކަންތަކުގައި ސުޕްރީމް ކޯޓުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ. އެ ނިންމުމަކީ މަޖިލީހުން ކުރަންޖެހޭ ކަންތައްތައް ނުކޮށްގެން ސްޕްރީމް ކޯޓުން ނިއްމި ނިންމުމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"ސްޕްރީމް ކޯޓުން ނިންމާފައި އޮތީ އެންމެ ރަނގަޅު ނިންމުން. އަޅުގަނޑު ވަރަށް އުފާވޭ އެކަމާ، މިހާރު ވެސް އެބަހުރި ސްޕްރީމް ކޯޓުން އެގޮތަށް އިހުމާލުވެެގެން ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަމެއް ނުވަތަ އެ މަސްއޫލިއްޔަތެއް ނޫފުލިގެން، އެހެން ހުރި ހުރިހާ ގާނޫނުތައް، ހުރިކަންތައްތައް ސްޕްރީމް ކޯޓުން ގޮތެއް ނިއްމަންޖެހޭ. އެއީ އިންސާފު ނަގަހައްޓަން އޮތްތަނަކީ ސްޕްރީމް ކޯޓު." މާފަންނު މެދު ދާއިރާ މެމްބަރު ވިދާޅުވިއެވެ.



ސުޕްރީމް ކޯޓުން ދާދިފަހުން ވަނީ ޗެއިން އޮފް ކަސްޓަޑީގެ ކަންތަކުގައި ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފައެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ސޮއި ކުރައްވާ ނެރުނު މި ޕްރެކްޓިސް ޑައިރެކްޝަންގައި ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ފުރިހަމަކުރަން ޖެހޭ ޗެއިން އޮފް ކަސްޓަޑީގެ މައްސަލައެއް ޝަރީއަތުގައި ފެންމަތިވެއްޖެ ހާލަތެއްގައި އެ ޗެއިން އޮފް ކަސްޓަޑީއަކާ ގުޅޭ ފުލުހުން ކޯޓަށް ހާޒިރުކޮށްގެން ޗެއިންގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށެވެެ. ސްޕްރީމް ކޯޓުގެ މި ޕްރެކްޓިސް ޑައިރެކްޝަން ގާނޫނުއަސާސީއާ ހިލާފު ކަމަށް ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެެވެ. އެގޮތުން ޕްރެކްޓިސް ޑައިރެކްޝަން ނެރުމަކީ ސްޕްރީމް ކޯޓަށް އެއްވެސް ގާނޫނަކުން ދީފައި އޮތް ބާރެއް ނޫން ކަމަށް އެވަކީލުން ވިދާޅުވެއެވެ.

ޗެއިން އޮފް ކަސްޓަޑީއަކީ މައްސަލަތަކުގައި ފުލުހުން ހޯދާ ހެކި، އެކަކު އަތުން އަނެކަކު އަތަށް ހަވާލުކުރުމުގައި ނުވަތަ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި އެތަކެތި ހަވާލުކުރާ ފަރާތާއި، ހަވާލުވާ ފަރާތުގެ މައުލޫމާތާއި، ތާރީހާއި، ގަޑި ލިޔެ، ރިކޯޑްކުރާ ރަސްމީ ލިޔުމެވެ.



ކިޔުންތެރިންގެ ހިޔާލު