ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، ހުޝާމަދު ކޮށްގެން އެމަނިކުފާނު ވެސް ހަލާކު ކޮށްލައިފި ކަމަށް، ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޖަލްސާގައި ސަލީމް ވިދާޅުވީ، ރައީސް ޞާލިޙަކީ މަޖިލީހުގައި އެކުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ ވަރަށް ރަނގަޅު ބޭފުޅެއް ކަމަށެވެ.

ނަމަވެސް، އެމަނިކުފާނަށް ވެސް ބަޔަކު ހުޝާމަދު ކޮށްގެން ހަލާކު ކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ، ހުޝާމަދު ކުރުމަކީ ވަރަށް ނުބައި ކަމެއް ކަމަށާއި އެކަން ގިނަ ބަޔަކަށް އެނގެން އެބަ ޖެހޭ ކަމަށެވެ. އޭގެ ތަފުސީލު ވިދާޅުވަމުން ސަހާބީންގެ ދުވަސްވަރު ދިމާވި ހާދިސާއެއްވެސް ސަލީމް ވަނީ ވިދާޅުވެދެއްވާފައެވެ.

މީގެ އިތުރުން، އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމް ވެރިކަމަށް ވަޑައިގަންނަވަން ޝައުގުވެރިކަން ފާޅު ކުރައްވާފައިވާތީ އެކަމަށް ވެސް ސަލީމް ވަނީ ފާޑުވިދާޅުވެފައެވެ. އެގޮތުން، ވަޒީރުކަން ކުރެއްވުމަށްފަހު ދެން ކުރައްވަން އޮތީ ރައީސްކަން ކަމަށް ނާޒިމް ވިދާޅުވުމުން، އެ ފެންވަރަށް މީހުންގެ ވިސްނުން ދާތީ އެއީ ކަންބޮޑުވާ ކަމެއްކަމަށް ސަލީމް ވިދާޅުވިއެވެ.

ރައީސް ޞާލިޙަށް ހުޝާމަދު ކޮށްގެން ހަލާކު ކޮށްލައިފި ކަމަށް ސަލީމް ވިދާޅުވިއިރު ރައީސް ޞާލިޙް ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު