މަސްވެރިކަމަކީ ރާއްޖެއަށް ވަރަށް މުހިއްމު ސިނާއަތެއްކަމަށާއި، ރާއްޖޭގައި ވަޒީފާއަދާކުރާ މީހުންގެ 20 އިންސައްތައަކީ މަސްވެރިންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ މިހެން ވިދާޅުވީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ 17 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް 650 ލައިސެންސް އޮތް މަސްވެރި އުޅަނދު އޮންނައިރު، މިއީ 17000 އަށް ވުރެ ގިނަ މީހުންނަށް މީގެ ސަބަބުން ވަޒީފާ މަގުފަހިވެގެންދާކަމެއްކަމަށެވެ. އަދި އެއީ މަސައްކަތު އާބާދީގެ 20 އިންސައްތަ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަހަރަކު 140000 މެޓްރިކް ޓަނުގެމަސް ބަނާއިރު، ރާއްޖޭގެ އެކްސްޕޯޓްގެ 98 އިންސައްތައަކީ މަސްކަމަށެވެ.



މިނިސްޓަރ ވިދާޅުވީ ރާއްޖެއަަކީ އެހެން ޤައުމުތަކާއި ޙިލާފަށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރުމުގައި ކުރިއަރާފައިވާ ޤައުމެއްކަމަށެވެ. އަދި ޤުދުރަތީ ރީތިކަން ދެމެހެއްޓޭ އުސޫލެއްގެ ގޮތުން ރާއްޖޭގައި އެންމެ ގިނައިން ކުރެވޭ ދޮށީގެ މަސްވެރިކަން ތަފާތުވެފައި ޚާއްޞަކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަސްވެރިކަމުގެ މުހިންމުކަން ރާއްޖެއަށް ކިތަންމެ ބޮޑުކަމުގައި ވީނަމަވެސް، މަސްވެރިންނަށް ލިބެނީ ވަރަށް ކުޑަ އާމްދަނީއެއްކަމަށެވެ. އަދި މަހުގެ ސޮޓޮކް ރިކަވަރީގެ މައްސަލައަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭ ކަމެއްކަމަށް ފާހަގަކުރައްވަމުން، މިނިސްޓަރ ވިދާޅުވީ މަސްވެރި ޖަމްޢިއްޔާތަކުން މަސްވެރިކަމުގެ މުސްތަޤްބަލު އާރާސްތުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށެވެ.

އިންފޯފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސަކީ ދުނިޔޭގެ މަޝްހޫރު ސްޕީކަރުން ހުށަހަޅައިދޭ ދުނިޔޭގެ ޓޫނާ އިންޑަސްޓްރީއާ ގުޅުން ހުރި މުހިންމު މައުޟޫއުތަކަށް ވާހަކަދެކެވޭ ކޮންފަރެންސެކެވެ.



ކިޔުންތެރިންގެ ހިޔާލު