ވަރަށް ބޮޑަށް މި ދުވަސްވަރު ޑެންގޫ ހުން ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެޗްޕީއޭއިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިކަމަށް އިލްތިމާސް ކޮށްފައި މިވަނީ ރާއްޖޭގައި ޑެންގީ ފެތުރި، ހަފުތާއެއްގެ ތެރޭގައި ތިން މީހަކު މަރުވެ ގިނަބައަކު ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މި އަހަރު ވިއްސާރަކުރުން އިތުރުވެފައި ވާތީ މަދިރި އާލާވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި އާންމުކޮށް ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމާ ގުޅިގެން ޑެންގީ ހުން އިތުރުވާ ކަމަށާއި މިއީ ރާއްޖެއަށް ގިނައިން ވިއްސާރަކުރި އަހަރަކަށް ވެފައި އަދި މިހާރު ވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ، އިތުރުވުން ކުރިއަށް އޮތްތަނުގައި ގިނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ޑެންގީއަކީ ސާފު ފެނުގައި އުފެދޭ އީޑީސް މަދިރީގެ ސަބަބުން ފެތުރޭ ބައްޔަކަށް ވުމުން، އެ ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން ކުރެވޭނެ ކަންކަން ކުރުމަށް އިރުޝާދުދޭކަމަށެވެ.

އެޗްޕީއޭގެ ބުނީ މި އަހަރުގެ އެޕްރީލުން ފެށިގެން މާލެ އާއި ރަށްރަށުން ވެސް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ކަންބޮޑުވާ ވަރަށް އިތުރުވެފައިވާކަމަށެވެ. އަދި މިދިޔަ މަހާ އަޅާބަލާއިރު މި މަހުގެ މިހާތަނަށް ރިޕޯޓްކުރި އަދަދު ވެސް އިތުރުކަމަަށް އެޗްޕީއޭއިން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިހާތަނަށް ޑެންގީހުމުގެ ޖުމްލަ 1634 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ރިޕޯޓްކުރި 695 ކޭސްއަކާއި، އަތޮޅުތަކުން ރިޕޯޓްކޮށްފައިވާ 939 ކޭސް ހިމެނެއެވެ. އަދި މިއަހަރުގެ މިހާތަނަށް މިބަލީގައި 5 މީހަކު ރާއްޖެއިން ނިިޔާވެފައިވާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގައި ބަލި ފެތުރޭ މިންވަރަށް ބަލާއިރު، މާލެއިން 362 ކޭސް، ހުޅުމާލެއިން 294 ކޭސް އަދި ވިލިމާލެއިން 39 ޑެންގީ ކޭސް ރިޕޯޓްކޮށްފައިވެއެވެ.

އަތޮޅުތަކުން ރިޕޯޓްކުރާ މިންވަރަށް ބަލާއިރު، މި ބަލި އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކުންނެވެ. އެގޮތުން މިހާތަނަށް އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައިވަނީ ރ.އަތޮޅުންނެވެ. އެ އަތޮޅުން އެކަނިވެސް 218 މީހަކަށް މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވެއެވެ. 99 ކޭހާއެކު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ލ. އަތޮޅުންނެވެ. މީގެ އިތުރުން ކ. އަތޮޅާއި، އދ. އަތޮޅު، މ. އަތޮޅު، ދ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު މިއިން ކޮންމެ އަތޮޅަކުންވެސް ރިޕޯޓްކުރި ޑެންގީހުމުގެ ކޭސްތަކުގެ ޢަދަދުތައް އުޅެނީ 50 އިން މަތީގައެވެ.



ކިޔުންތެރިންގެ ހިޔާލު