ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިކުމަތްތެރިކަމުން މުޅި ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކުގެ ކައުންސިލަށް ބޮޑު އަގުލަބިއްޔަތަކުން ރާއްޖެ އިންތިހާބުވުމާއި ގުޅިގެންނެވެ.

ނިހާދު ވިދާޅުވީ، މުޅި ދުނިޔެއިން ރާއްޖެ ބަލައިގަތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހިކުމަތްތެރިކަމާއި މޮޅުކަމުންކަމަށެވެ.

އ.ދ. ގެ އިންސާނީ ހައްގުތަކާބެހޭ މަޖިލީހުގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ވަނީ ވާދަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައެޅިފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑިއެވެ.

189 ގައުމަކުން މިއިންތިހާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް ލިބިފައިވަނީ ޖުމްލަ 154 ވޯޓެވެ. އަދި ދިވެހިރާއްޖޭގެ އިތުރުން އޭޝިއާ ޕެސިފިކް ސަރަޙައްދަށް ކަނޑައެޅިފައިވާ ގޮނޑިތަކަށް ބަންގްލަދޭޝް، ވިއެޓްނާމް އަދި ކިރިގިސްތާން ވެސް ވަނީ އިންތިހާބުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު