އދ. ގެ ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއިން ކާމިޔާބުކުރުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވީ އިންސާނީ ހައްގުތަކާއި ހަމަހަމަކަމާއި އަދި މިނިވަންކަމަކީ ޑިމޮކްރެސީއެއްގެ މައިގަނޑު އަސާސްތައް ކަމަށެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއަކަށް ރާއްޖެ އިންތިހާބުވުމުން އެކަމާ ފަހުރުވެރިވަނީ އެ ސަބަބާއި ހުރެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ރައީސް ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށާއި މިނިސްޓްރީގެ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ.

ރާއްޖެއިން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑި ކާމިޔާބުކޮށްފައިވަނީ އދގައި މިރޭ އެކަމަށްޓަކައި ބޭއްވި ސިއްރު ވޯޓު ކާމިޔާބުކޮށްގެންނެވެެ. 189 ޤައުމަކުން މިއިންތިޚާބުގައި ވޯޓުލާފައިވާއިރު، ދިވެހިރާއްޖެއަށް އެ އިންތިޚާބު ކާމިޔާބުކުރީ ޖުމްލަ 154 ވޯޓް ހޯދައިގެންނެެވެ.

ރާއްޖޭގެ އިތުރުން އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް 14 ގައުމެއް މިރޭ ވަނީ އިންތިހާބުވެފައެވެ. ރާއްޖެއިން ވާދަކޮށްފައިވަނީ އޭޝިއާ ޕެސިފިކް ގްރޫޕަށް ކަނޑައަޅާފައިވާ 13 ގޮނޑީގެ ތެރެއިން އަންނަ އަހަރަށް ހުސްވާ ހަތަރު ގޮނޑިން އެއް ގޮނޑިއަށެވެ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ އިންތިޚާބު ކޮށްފައިވަނީ 2023-2025 ވަނަ އަހަރުގެ ނިޔަލަށެވެ.



ކިޔުންތެރިންގެ ހިޔާލު