އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މަސްވެރިންގެ އަޑު އުފުލުމަށް އިއްޔެ ބޭއްވި މުޒާހަރާއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި، އެހެން މީހުން ދޫކޮށްލައިފިއެވެ.

ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާކަމަށް ބުނެ ކުރިއަށް ގެންދިޔަ މުޒާހަރާއިން 10 މީހަކު ހައްޔަރުކުރިއެވެ. އެއީ 7 އަންހެނުންނާއި 3 ފިރިހެނުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެހެން މީހުން ވަނީ ދޫކޮށްލާފައެވެ. ބަންދުން ދޫކޮށްނުލައި، ބަންދު ދެމެހެއްޓީ ޕީޕީއެމްގެ ޔޫތު މެންބަރު އަލީ އިޒްހާންގެއެވެ. އޭނާއަށް ކޯޓުން ވަނީ 3 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހާފައެވެ. ނަމަވެސް އޭނާ 3 ދުވަހަށް ބަންދުކުރި ސަބަބެއް ނޭނގެއެވެ.

މި ސަރުކާރުން މަސްވެރިންނަށް އިހުމާލުވެފައިވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމުން ބޭއްވި މުޒާހަރާ އޮތީ މަސް މާރުކޭޓު ސަރަހައްދުގައެވެ.

މި މުޒާހަރާގައި ޕީޕީއެމްގެ އިސްވެރިން ވެސް ހިމެނޭ ގޮތުން އެ ޕާޓީއަށް ނިސްބަތްވާ މާގިނަ ނޫން އަދަދެއްގެ ބަޔަކު ވަނީ މަސްމާރުކޭޓް ސަރަހައްދަށް އެއްވެ، އަޑު އުފުލާފައެވެ.

މުޒާހަރާގައި ވަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށާއި، މަސްވެރި އާއިލާތައް ނިކަމެތިނުކުރުމަށް ވަނީ ގޮވާލާފައެވެ. އަދި ޑޮލަރުން ފައިސާ ދިނުމާއި ކަނޑުމަތީގައި މަސްވެރިންނަށް ޕްލެޓުފޯމްތަކެއް އެޅުމަށް މި ސަރުކާރުންވީ ވައުދު ފުއްދާފައި ނުވާކަމަށް ބުނެ އަޑު އުފުލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު