ކުޑަކުދިން ރައްކާތެރިގޮތުގައި އިންޓަރނެޓް ބޭނުންކުރުމަށް ހޭލުންތެރިކުރުމަށް ޚާއްސަ ސެޝަންތަކެއް އަންނަ ހަފްތާގައި ބޭއްވުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި އެން.ސީ.އައި.ޓީ ގުޅިގެން އޮކްޓޯބަރުމަސް ފާހަގަކުރަމުން ދަނީ "ސައިބަރ ސެކިޔުރިޓީ" އަށް ހޭލުންތެރިކުރުމުގެ މަހުގެ ގޮތުގައެވެ.

މިނިސްޓްރީން ބުނީ މުޅި މަހަށް ބަހާލައިގެން ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނާއި ބެލެނިވެރިންނަށް ޚާއްސަ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި، މި ސެޝަންތައް އޮންނާނީ މިމަހުގެ 17، 18 އަދި 19 ވަނަ ދުވަހުކަމަށެވެ.

މި ސެޝަންތަކުގެ މައިގަނޑު އެއް ޝިއާރަކީ، "އިންޓަރނެޓް ސޭފްޓީ ފޯރ ޗިލްޑްރެން" ކަމަށާއި މި ސެޝަން ތަކުގައި، ދުނިޔޭގެ ޓެކްނޮލޮޖީގެ ދާއިރާއިން އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް ކުންފުނި ކަމުގައިވާ މައިކްރޯސޮފްޓްގެ ކަމާ ބެހޭ މާހިރުން ރާއްޖެ އައިސް ސެޝަން ނަގައިދޭނެކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ކުޑަކުދިންގެ ރައްކާތެރިކަމަށް ޚާއްސަ ކުރެވިފައިވާ ސެޝަންތައް ހިންގުމަށް ރާވައިފާ ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބައިވެރިވެވޭނެ ގޮތަށް އޮންލައިންކޮށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. މިގޮތުން 17 ވަނަ ދުވަހު އޮންނަ ފުރަތަމަ ސެޝަންގައި އަލި އަޅުވާލާނީ އޮންލައިންކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި މެސެޖުކޮށް މުއާސަލާތު ކުރުމުގައި ދިމާވެދާނެ ނުރައްކާތަކާއި، ސަމާލު ވާންޖެހޭ ކަންތައްތަކާއި، ނުދަންނަ މީހުންނާއި އޮންލައިންކޮށް މުއާމަލާތް ކުރުމުގައި ގެންގުޅެންޖެހޭ ރައްކާތެރިކަމުގެ މިންގަނޑުތަކަށްކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ކުޑަކުދިން ކިޔަވަން އަދި ގޭމްކުޅުން ފަދަ ކަންކަމުގައި ބޭނުންކުރާ ޑިޖިޓަލް ވަސީލަތްތައް ރައްކާތެރިކޮށް ބޭނުންކުރުމަށްޓަކައި އެކުދިން ސަމާލުވާން ޖެހޭނެ ކަންކަމާއި، ކަމެއް ދިމާވުމުން އަމަލު ކުރަން ޖެހޭނެ ގޮތްތައް މި ސެޝަންގައި ކިޔައިދެވޭނެއެވެ. 13 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ޚާއްސަ ކުރެވިގެން ހިންގާ މި ސެޝަންގެ މަގްސަދަކީ ކުޑަކުދިންގެ ހުނަރު އިތުރުކޮށް، ނުރައްކާތެރި ކަންކަމުން އެކަހެރިވެ ތިބެ ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށް ހެދުމެވެ.

މިމަހުގެ 18ގައި އޮންނަ ދެވަނަ ސެޝަންގައި ކުދިންގެ ޑިޖިޓަލް ފުޓްޕްރިންޓްތަކާބެހޭ ގޮތުންނާއި، އެކުދިންނާ ބެހޭ ގޮތުން އެހެން މީހުންނަށް ހޯދައި ފެންނާނެ މައުލޫމާތާއި، އެއިން ކޮށްފާނެ ނޭދެވޭ އަސަރުތައް ކިޔައިދެވޭނެއެވެ. އަދި އެކުދިންގެ ޒާތީ މައުލޫމާތު އޮންލައިންކޮށް ހިއްސާކުރުމުގައި ގެންގުޅެންވީ މިންގަނޑުތަކާއި، ޕްރައިވެސީ ރައްކާތެރި ކުރުމުގެ މުހިންމުކަމާއި، އޯވާރ ޝެއާރ ކުރުމުން ދިމާވެދާނެ ނުރައްކާތެރި، ނުރަންގަޅު ކަންކަން އޮޅުންފިލުވައިދީ، ރައްކާތެރިކޮށް ސޯޝަލް މީޑިއާގައި މުއާމަލާތް ކުރުމަށް ދަސްކޮށްދެވޭނެއެވެ.

"ޕްރޮޓެކްޓިން ކިޑްސް އޮންލައިން" ގެ ނަމުގައި އޮކްޓޯބަރު 19 ވަނަ ދުވަހު ބާއްވާ ސެޝަނަކީ، އޮންލައިން ޕްލެޓްފޯރމްތަކުގައި، ކުޑަ ކުދިންގެ ރައްކާތެރިކަމަށް ބޭނުންވާ ހުނަރާއި ވަސީލަތްތައް ދެނެގަނެ، ބެލެނިވެރިންނާއި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހޭލުންތެރިކަމުގެ އޮންލައިން ސެޝަނެކެވެ.

ޓެކްނޮލޮޖީން ކުޑަކުދިންނަށް ފޯރުކޮށްދޭ ފުރުސަތުތައް ފުޅާކޮށް، އެކުދިން ޝައުގުވެރިވާ ކަންކަމުގެ ތެރެއިން، އިންޓަރނެޓް ބޭނުން ކުރާއިރު، ޕޭރެންޓަލް ކޮންޓްރޯލް ފަދަ ވަސީލަތްތައް ބޭނުންކޮށްގެން އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް މި ސެޝަންގައި ކިޔައިދެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު