އއ މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު މީހާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތް އެމްއެންޑީއެފްއިން ހުއްޓާލައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހު އއ. މާޅޮހުގެ ދެކުނުން ބަންޑުން ޖަހާލި ލޯންޗުން ގެއްލިގެން ހޯދަމުންދާ މުޙައްމަދު މިންހާޖު، 28، ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ހުއްޓާލާފައިވާކަމަށެވެ.



އެމްއެންޑީއެފްއިން ބުނީ މުޙައްމަދު މިންހާޖު ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑުން އިއްޔެ ވެސް ވަނީ 300 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަޙައްދެއް ބަލާފައިކަމަށެވެ.

ހަތަރު ދުވަހަށް ދެމިގެންދިޔަ މި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނުގައި، ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީއާއި، ކޯސްޓްގާޑު ފާސްޓް އިންޓަސެޕްޓަރ ކުރާފްޓް "ހަކުރާ"، 665 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާއިރު، އެމްއެންޑީއެފް ޑޯނިއަރ ފްލައިޓްގައި ވަނީ ވައިގެމަގުން 2000 ސްކޮޔަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވެއެވެ.

މިންހާޖު ހޯދުމުގެ މަސައްކަތުގައި މެރިން ޕޮލިހުންވެސް ބައިވެރިވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު