އަހުމަދު މަސްނޫމް   11 އޮކްޓޯބަރު 2022 - 17:20
ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު އޮފީހަށް ވަޑައިގަތުމުގައި ފަރުވާ ކުޑަކުރައްވާކަމަށް ބުނެ ރާއްޖޭގެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ހަބަރު ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

ރާއްޖޭގެ އޮންލައިން ނޫހެއްގައި މިއަދު ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު އޮފީހަށް ވަޑައިގަތުމުގައި ފަރުވާ ކުޑަކުރައްވާކަމަށާއި، އެގޮތުން އޮފީހަަށް ވަޑައިގަންނަވަނީ ވަރަށް ލަހުންކަމަށް ބުނެ ހަބަރެއް ޝާއިޢުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ ސަމީރާ ގުޅޭގޮތުން ފެތުރި ހަބަރަކީ ދޮގު ވާހަކަތަކެއްކަމަށް ވިދާޅުވެފައެވެ.

"ކަނޑައެޅިގެން ދޮގު ޚަބަރެއް. ދޮގު ޚަބަރު ފެތުރުމަކީ ނޫސްވެރިކަމެއް ނޫން." މިއުވާން ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރ ސަމީރުވެސް ވަނީ އޭނާއާ ގުޅޭގޮތުން ފެތުރި ހަބަރު ދޮގުކޮށްފައެވެ.



ރައީސް އޮފީހުގެ މިނިސްޓަރެއްގެ ހައިސިއްޔަތުން މިނިސްޓަރ ސަމީރު ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ޗީފް ސްކައުޓްގެ ހައިސިއްޔަތުން ރައީސް ސްކައުޓް އެސޯސިއޭޝަނާއި އެކު ކުރައްވާ މަސައްކަތްތަކުގައި އެހީތެރިވުން، ނައިބު ރައީސް ކުރައްވާ އިޖުތިމާއީ މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނު ހަވާލުކުރައްވާ މަސައްކަތް ކުރެއްވުން، ސޯޝަލް ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުން، ސިވިލް ސާވިސްގެ ވިލަރެސް ކޮމިޓީގައި މަސައްކަތް ކުރެއްވުން އަދި ހެލްތު ކޮމިޓީގައި ވެސް ސަމީރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު