އެމްޑީޕީ ސަރުކާރު އަންނަ ކޮންމެ ފަހަރަކު ޑޮލަރާއި ތަކެތީގެއަގު ބޮޑުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ، ބޭންކް ތަކުގައި ހުރި ޑޮލަރުކޮޅު ނަގައިގެން އެއިން ވެސް ވައްކަން ކޮށްގެން ފައިސާ ހޯދަމުންދާ ކަމަށެވެ. އެެެހެންކަމުން، އާންމު ވިޔަފާރިވެރިޔާއަށް ޑޮލަރު ލިބެނީ 17 ރުފިޔާއިން މަތިން ކަމަށާއި އެހެންވެ ތަކެތީގެ އަގު ބޮޑުވަމުން ދާކަމަށް ޝިޔާމު ވިދާޅުވިއެވެ.

އަދި މުދަލާއި ހިދުމަތުން އިތުރު ދެރުފިޔާ ޖީއެސްޓީގެ ގޮތުގައި ނަގަން ފާސްކުރުމުން، ރާއްޖޭގެ ވިޔަފާރީގެ ސަގާފަތް އޮންނަ ގޮތުން، ޖީއެސްޓީ ނަގާ ތަކެތީގެ ވެސް އަގު ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަން އައުމާއެކު، އަތުގައި 2 ޑޮލަރު އޮތްނަމަވެސް ފޮރުވަން އިދިކޮޅުން ގޮވާލި ކަމަށާއި، މިއަދު މިއޮތީ އެ ދުވަސް އައިސްފައި ކަމަށާއި، އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ތަކެތީގެ އަގު ބޮޑުވާ ކަމަށެވެ.

މީގެ އިތުރުން ވެސް ޝިޔާމް ވަނީ ތަކެތީގެ އަގުބޮޑުވަމުންދާ މައްސަލައާއި ސަރުކާރުގެ ސިޔާސަތުތަކާއި ގުޅުވައި ވާހަކަ ދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު