ކޯޓުގައި ހިނގާ ޝަރީއަތްތަކަށް ސަރުކާރުން ނުފޫޒު ފޯރުވާނަމަ ކުރީގެ ރައީސް ޔާމީން އޮންނަވާނީ ޖަލުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރީ ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއި ގުޅޭގޮތުން އިދިކޮޅު މެންބަރުން ދެއްކެވި ބައެއް ވާހަކަތަކަށް ރައްދުދެއްވަމުން، މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ޒަރީރު ވިދާޅުވީ، ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވޭނަމަ ޔާމީން މިހާރު އޮންނަވާނީ ޖަލުގައި ކަމަށާއި، އަވަސް އަރުވާލައިގެން ގާނޫނާއި ގަވައިދުތަކަށް ބެލުމެއްނެތި ސިޔާސީ ހުކުމް ކުރިތަން ފެނިގެން ދިޔައީ އޭރުގެ ސަރުކާރުގައި ކަމަށެވެ.

އަދި އޭރު ބައެއް ފަރާތްތައް ޖަލަށްލާން 12 ދުވަސް ތެރޭ 12 އަހަރަށް ހުކުމް ކޮށްލާފައި އެބަހުރި ކަމަށާއި، މާޒީގައި ފަނޑިޔާރުންނަށާއި، ފަނޑިޔާރުގެތަކަށް ބިރުދައްކައި ނުފޫޒު ފޯރުވިނަމަވެސް މިސަރުކާރުން އެފަދަ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާއަށް ނުފޯރުވާނެ ކަމަށް ވެސް ޒަރީރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މިއަދު ހުށަހެޅި ބިލުގައި ވަނީ ފަނޑިޔާރުންނަށް ދޭ އެލަވަންސްތަކުގެ ތެރެއިން ލިވިންގ އެލަވަންސްގެ މިންވަރަކީ ފަނޑިޔާރުންގެ އަސާސީ މުސާރައިގެ 35 އިންސައްތައަށް ވުރެ މަދުނުވާނެ އަދަދެއް ކަމުގައި ގާނޫނުގައި ކަނޑައެޅުމަށެވެ.

އަދި، ދިރިއުޅޭނެ އަމިއްލަތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ފަނޑިޔާރުންނަށް ކުރިމަތިލެވޭނެ އިންތިޒާމެއް ހަމަޖައްސައި ގާނޫނުގައި ކަނޑައެޅުމަށް ވެސް މި ބިލުގައި ވަނީ ހިމަނާފައެވެ.

އަދި އަމިއްލައަށް ފަނޑިޔާރުކަމުން ރިޓަޔާ ކުރެވޭނެ އުމުރަކީ 65 އަހަރު ކަމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ. މި އިސްލާހުތައް ގެންނަކަން މީގެ ކުރިންވެސް ބަންޑާރަނައިބު ވަނީ އާންމު ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު