ނަފްސާނީ ބަލިތަކަށް އިތުރު އިސްކަމެއްދީ، އެފަދަ ބަލިމީހުންނަށް ޚިދުމަތް ދިނުމަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން މިއަދު ގޮވާލައިފިއެވެ. 

މިއަދު ފާހަގަ ކުރާ ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާއި ގުޅިގެން ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނަފްސާނީ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ އަދަދު ދުނިޔޭގެ ނިސްބަތުން ބެލިކަމުގައިވިޔަސް ދުވަހުން ދުވަހަށް އިތުރު ވަމުންދާ ކަމަށެެވެ.

އެގޮތުން ނަފްސާނީ ބަލިތަކަށް ރާއްޖޭގައި ފަރުވާ ދިނުމަށް 2019ވަނަ އަހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި "މެންޓަލް ހެލްތު" ކްލިނިކެއް ހުޅުވާފައިވާއިރު، ރިކޯޑުތަކުން ދައްކާ ގޮތުގައި 2019ވަނަ އަހަރު އެ ކްލިނިކަށް 7249 ބަލި މީހުން، 2020ވަނަ އަހަރު 17،708 މީހުން، 2021 ވަނަ އަހަރު 16،936 މީހުން އަދި 2022ވަނަ އަހަރުގެ ސެޕްޓެމްބަރ މަހާ ހަމައަށް 9746 މީހުން ނަފްސާނީ އެކިއެކި މައްސަލަތަކުގައި އެ ކްލިނިކުން ފަރުވާ ހޯދާފައިވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމުން ބުނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ރާއްޖޭގައި ވެސް ނަފްސާނީ ބަލިތަކަށް ހުށަހެޅޭ މީހުންގެ އަދަދު ވަރަށް ގިނަވަމުން ދާތީ ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަކީ މުޅި ދައުލަތުން ވެސް ނުހަނު އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމަކީ އާއިލާތަކުގެ ދުޅަހެޔޮކަމަށާއި މުޖުތަމައުގެ ކުރިއެރުމާއި ހަމަ ޖެހުމަށް ވެސް ނުހަނު މުހިންމު ކަމެއް ކަމަށް ބަޔާނުގައިވެއެވެ.

އެހެންކަމުން އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފަރުވާ ދިނުމަށް ދައުލަތުގެ ބަޖެޓަށް އިތުރު ކޮށްގެން ނަމަވެސް، އެކަމަށް ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އެނޫންވެސް ވަސީލަތްތައް ގާއިމް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަަމަށް އެޕާޓީން ދެކޭ ކަމަށް އެމްއާރުއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

"ބަނދަރުތައް ހެދުމާއި މަގުތައް ހެދުންފަދަ ބައެއް ކަންކަމަށް ކަނޑައަޅާ ބަޖެޓު ކުޑަކޮށްފައި ނަމަވެސް ނަފްސާނީ ބަލިތައް ތަޙައްމަލު ކުރަމުންގެންދާ މީހުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ލިބޭނެ ގޮތްހެދުން މާ މުހިންމު ކަމަށް މި ޕާޓީއިން ދެކޭތީ، މިދާއިރާއަށް އެކަށީގެންވާ ބަޖެޓެއް ކަނޑައެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ." އެމްއާރްއެމުން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު