އަހުމަދު މަސްނޫމް   10 އޮކްޓޯބަރު 2022 - 20:14
ސަރުކާރު ރޭޓިންގ އެޖެންސީތަކަށް ފިލައިފި ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރު ރޭޓިންއެޖެންސީތަކަށް ފިލައިފިކަމަށާއި ރޭޓިން އެޖެންސީތަކުގެ ރޭޓިން މިހާރު ނުފެންނަ ކަމަށެވެ. އެގޮތުން މި ސަރުކާރަށް ލޯނު ދޭ ފަރާތްތަކާއި ލޯނު ދޭ ބޭންކުތަކާއި އެކި އިދާރާތަކަށް ސަރުކާރު އުޅެނީ ފިލައިގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ރޭޓިން އެޖެންސީތަކަށް ވެސް މި ސަރުކާރު ފިލައިގެން އުޅޭކަން އަޅުގަނޑުމެންނަށް މި އެގެނީ ރޭޓިން އެޖެންސީތަކުގެ ރޭޓިން ފެނިއްޖެތޯ، މިއިން ދުވަހަކު ނުފެނޭ ނޫންތޯ؟ މިހާރު ފިލައިގެންނޭ އުޅެނީ. އެއީ ދައުލަތް އޮރިޔާންވެފައި އޮތްވަރު ސޯޓް ފައިބާފައި އޮތްވަރު އެނގޭތީ މިހާރު ރޭޓިން އެޖެންސީއެއް ކައިރިއަށް ވެސް މިހާރު ނުދޭ."ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ރޭޓިން އެޖެންސީތަކުން ސަރުކާރަށް ދޭ ރެކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލުނުކުރާ ކަމަށެވެ. އަދި އެ ފަރާތްތަކުން ބުނާ ގޮތެެއް މި ސަރުކާރުން ނަހަދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"ދިވެހިރާއްޖެއަށް ދުނިޔޭގެ މާލީ އިދާރާތަކުން އަންގާފައިވާ އެންގުންތައް ވެސް އަޑުއަހަނީކީ ނޫން، ބޮޑެތި ސިންގާހާ މާލީ އިދާރާތަކުން، ވޯލްޑް ބޭންކު، ބޮޑެތި ބޭންކުތަކުން ވަކިގޮތަކަށް އަމަލުކުރަން އިރުޝާދު ދިނީމަ އެ ބުނަނީ އެއީ އެތަނުގެ ފޮޅާ ސާފު ކުރާ މީހާ ބުނި އެއްޗެކޭ. އެއީ އެތަނުގެ ބަޔާނެެއް ނޫނޭ. ޖޭޕީ މޯގަންގެ ބަޔާނެއް ނޫނޭ. ވޯލްޑް ބޭންކުގެ ސްޓޭޓްމަންޓެއް ނޫނޭ. އެއީ އެތަނުގެ މަސައްކަތު މީހެއް ބުނެފައި އޮތް ވާހަކަ އެކޭ. މިގޮތަށް ނޫންތޯ ސަރުކާރު މި ހިނގަނީ ފިނޭސް މިނިސްޓަރު، ދައުލަތުގެ ދަރަނި 108 ބިލިއަނަށް އަރައިފި، ދެން ޚަރަދު ކުޑަކުރަން ކުރީ ކޮންކަމެއްތޯ،" ޝިޔާމް ވިދާޅުވިއެެވެ.

ޝިޔާމު މިހެން ވިދާޅުވި ނަމަވެސް އެންމެ ފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވެސް ވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އިގުތިޞާދީ ދަތި ކަމުގެ އަސަރު ރާއްޖެއަށް ކުރި ނަމަވެސް ކޯވިޑަށްފަހު ރާއްޖެ އިގުތިޞާދީ ގޮތުން ކުރިއަށް ދަނީ ރަނގަޅަށް ކަމަށެވެ. އަދި ޓެކްސްތައް ބޮޑުކޮށް ޚަރަދުތައް ކުޑަކޮށް ބޮޑެތި މަޝްރޫޢުތައް މަޑުޖައްސާލުމުން ދުނިޔޭގެ އިގުތިޞާދަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރެވޭނެ ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު