ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް މަޖިލީހުގެ ކޮމިޓީތަކަށް މައްސަލަތައް ހުށަހެޅިދާނެތޯ ބެލުމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅަކަށް އެދިއްޖެއެވެ.

މަޖިލީހުގެ ރައީސަށް މަޖިލީހުގެ ކޮމިޓީތަކަށް މައްސަލަ ހުށަހެޅިދާނެތޯ ބެލުމަށް ކައުންސެލް ޖެނެރަލްގެ ލަފާފުޅަކަށް އެދެން ނިންމީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން މިގޮތަށް ނިންމީ މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރަކު މިކަމާއި ގުޅިގެން ސުވާލުކުރުމުންނެވެ.

ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މިއަދު ހުށަހެޅިފައި އޮތީ ރާއްޖެއިން ބޭރުގެ ދެ މީހަކު ރާއްޖެ އައުމުން އިމިގްރޭޝަން މުވައްޒަފެއްގެ ފަރާތުން ފުރައްސާރަ ކުރިމަތިވެ، އެ ފަރާތްތައް ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް ބުނެ މަޖިލީހުގެ ރައީސްގެ ފަރާތުން ހުށަހެޅި މައްސަލައެކެެވެ.



ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، މިކަން ހިނގާފައިވާ ގޮތް ބެލުމަށް މަޖިލީހުގެ އިދާރާއިން ކޮމިޓީއަށް ފޮނުވާފައިވާ ކަމަށާއި ނަމަވެސް އެ ދެމީހުންނާ ބެހޭ އިތުރު މައުލުމާތެއް، ފޮނުވާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އޮޅުންފިލުވުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވާކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެކޮމިޓީގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ވަނީ މަޖިލީހުގެ ރައީސަށް ކޮމިޓީއަށް މައްސަލަ ފޮނުވޭތޯ ސުވާލު އުފައްދާފައެވެ.

އެކަމާއި ގުޅިގެން ކޮމިޓީގެ މުޤައްރިރު ވިދާޅުވީ މަޖިލީހުގެ ރައީސަށް މައްސަލަ ހުށަހެޅިދާނެތޯ، ނުވަތަ ނޫންތޯ، ބުނާ މާއްދާއެއްް މަޖިލިސް ގަވާއިދުން ފާހަގަވެފައިނުވާ ކަމަށެވެ. އެހެންކަމުން އެކަމުގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ފަރާތުން ލަފާ ފުޅަކަަށް އެދެން ކޮމިޓީން ނިންމިއެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ނިންމާލީ އެ މައްސަލައިގައި ކައުންސެލް ޖެނެރަލްގެ ލަފާ ލިބުމުން ކުރިއަށްދާގޮތަށް ނިންމުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު