ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތައް ކުރުމަށް ނެކްޓަން މޯލްޑިވްސްއިން ބޭނުންކުރި މައި އުޅަނދު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ.

އޮޑީސީ ނަމަކަށް ކިޔާ މި ބޯޓު ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރުނީ އެ ބޯޓަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓަށް ތެޔޮ އެޅީ ހޯކްސް ކުންފުނިންނެވެ. އަދި އެ އުޅަނދު ރާއްޖެއިން ފުރުން މަނާކޮށްދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނީވެސް އެކުންފުނިންނެވެ.

މިކަމާއި ގުޅިގެން ނެކްޓަން މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ބޯޓަކީ ކުއްޔަށް ހިފައިގެން ބޭނުންކުރި އުޅަނދެއް ކަމަށެވެ. އަދި އެ އުޅަނދަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާގެ ބިލުތަކަކީ އުޅަނދުގެ ވެރިފަރާތަށް ރައްދުވާ ބިލުތަކެއް ކަމަށްވެސް ނެކްޓަންއިން ބުނެއެވެ.

ނެކްޓަންއިން ބުނީ ސިވިލް ކޯޓުން ނެރެފައިވާ ކޯޓު އަމުރު ރައްދުވަނީ އެ ކުންފުންޏަށް ނޫންކަމަށާއި، އެ އަމުރު ރައްދުވަނީ އުޅަނދުގެ ވެރިފަރާތް ކަމަށްވާ އޯޝަން ކޮންޒަވޭޝަން އެކްޕްލޮރޭޝަން އެެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އަށް ކަމަށެވެ. އަދި ނެކްޓަން އިން އެ އުޅަނދަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވާކަމަށާއި، މިހާތަނަށް ނުދައްކާ އޮންނާނީ ސްޓޭންޑާޑް ޕޯސްޓް ޗާޓާ އެކްސްޕެންސް އެކަނިކަމަށްވެސް ނެކްޓަންއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު