އަންނަ މަހު ފަށާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމުން އެތައް ދިވެހިންނެއް މަހުރޫމްވެދާނެތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބެލުމުން އެތައް ދިވެހިންނެއް މަހުރޫމްވެދާނެތީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ މިފަހަރުގެ ވޯލްޑް ކަޕް ގައުމީ ޓީވީން ނުފެނިދާނެކަމުގެ ބިރު ހީވުމުންނެވެ.

ދައުލަތުގެ މީޑިއާއަކީ ކޭބަލް މެދުވެރި ނުކޮށް، ހިލޭ ބަލާލެވޭ ޗެނަލަކަށްވުމުން ވޯލްޑް ކަޕް ގައުމީ ޓީވީން ދެއްކުމުން ރާއްޖޭގެ ހުރިހާ ހިސާބަކުން ހިލޭ މެޗުތައް ބަލާލެވެއެވެ. އަދި 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕެއްވެސް ސަރުކާރުން ދިޔައީ ގައުމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނަށް ބެލޭނެމަގު ތަނަވަސްކޮށްދެމުން ނެވެ.

ބްރޯޑްކާސްޓިން ގަވައިދުގެ ދަށުން ލިސްޓެޑް އިވެންޓްތައް ކަނޑައަޅައިފައިވާ ގޮތުން ކުރިއަށް އޮތް ވޯލްޑް ކަޕް ހިލޭ ބެލުމުގެ ފުރުސަތު ދިވެހިންނަށް ގެއްލޭގޮތް ވަނީ މެދުވެރިވެފައިކަމަށް މިކަމުގެ މައުލޫމާތު އެނގޭ ބައެއް ފަރާތްތަކުން ބުނެއެވެ.

މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވަނީ ހިލޭ ވޯލްޑް ކަޕް ބެލުމުގެ ފުރުސަތު ރައްޔިތުންނަށް ގެއްލޭތީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

"‏ކީއްވެގެންތޯ ދަޢުލަތުގެ ޓީވީ އިން ނުދެއްކެންވީ؟ ދައުލަތުން މީޑިޔާ ނެޓަށް ފައިސާދޭވަރު މަދީތޯ؟ވެނުމަސް ވެނަށްނޫންތޯ؟ މީޑިޔާނެޓުގެ ޚިދުމަތް ނުލިބޭ އަދި އެޚިދުމަތައް އެފޯޑު ނުކުރެވޭ އެތައް ރައްޔިތަކު މިރާއްޖޭގައި އެބަތިބި. އެހެންކަމުން ވާރލްޑުކަޕު ބެލުމުން އެތައްބަޔަކު މަހުރޫމުވޭ." ޝިޔާމް ވިދާޅުވިއެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަަވައިދުގެ ދަށުން ރާއްޖޭގައި އާންމުންގެ ހާއްސަ ޝައުގުވެރިކަން ހުންނަ އިވެންޓްތައް ހިލޭ ބެލޭނެ އިންތިޒާމް އޮންނަނީ މީގެކުރިން ހަމަޖައްސާފައެވެ. އެގޮތުން ބްރޯޑްކާސްޓް ކުރުމުގެ ގަަވައިދުގެ ދަށުން ކަނޑައަޅާ އިވެންޓްތަކުގެ ލިސްޓުގައި މީގެ ކުރިން ވޯލްޑް ކަޕްގެ ހުރިހާ މެޗެއް އޮވެއެވެ. އޭގެއިތުރުން ބައެއް އެހެނިހެން ބޮޑެތި ކުޅިވަރު މުބާރާތްތައްވެސް ހިމެނެއެވެ.

ނަމަވެސް އެ ގަވާއިދަށް މިދިޔަމަހު ގެނައި ބަދަލަކާއެކު ލިސްޓަޑް ކުޅިވަރުތަކުގެ އިވެންޓުތަކުގައި ހިމަނާފައި ވަނީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗާއި ފައިނަލް މެޗު އެކަންޏެވެ.

ބްރޯޑްކާސްޓް ކުރުމުގެ ގަަވައިދު އޮންނަ ގޮތުން ފެށުމަށް 12 މަސް ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތް އިވެންޓެއް ލިސްޓެޑް އިވެންޓްގައި ހިމަނައިގެން ނުވާނެއެވެ. އެހެންކަމުން ގަވާއިދަށް ބަދަލު ގެނައި ގޮތާއި ގުޅޭގޮތުންވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

ރައްޔިތުންގެ ހާއްސަ ޝައުގުވެރިކަން ހުރި ނުވަތަ ހުރެދާނެ ބައިނަލްއަގްވާމީ އިވެންޓްތަކާއި އެފަދަ ކުޅިވަރު މުބާރާތްތަކާއި ހަރަކާތްތަކުގެ ތެރެއިން ރައްޔިތުންނަށް ހިލޭ ދޭންޖެހޭ އިވެންޓްތައް ކަނޑައަޅާ، އިއުލާންކުރަން ޖެހޭނި ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އަދި އެ ގަވާއިދުގެ ދަށުން އެއިން އެއްވެސް އިވެންޓެއްގެ ރައިޓްސް ރީބްރޯޑްކާސްޓް ކުރެވޭނީ، ދައުލަތުގެ މީޑިއާއަށް އޭގެ ރައިޓްސް ހިލޭ ދިނުމަށް ފަހުއެވެ.

ނަމަވެސް ބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި ބަދަލާއި ގުޅިގެން ހިލޭ ރައިޓްސް ނުލިބުމުން ޕީއެސްއެމުންވެސް ވޯލްޑް ކަޕް ދައްކަން ޖެހޭނީ ފައިސާ ދައްކައިގެނެވެ. ނަމަވެސް މިހާތަނަށް އައިރު އެކަން ހަމަޖެހުނުކަމެއް އިއުލާންކޮށްފައެއް ނެތެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕް ގައުމީ ޓީވީން ފެންނާނެކަމާމެދު އަދި އޮތީ ސުވާލު މާކެއްގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން