އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުކުރި މީހަކު ގެއްލިފައިވާތީ އެ މީހާ ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ބަލާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

އއ. އަތޮޅުން ލޯންޗެއް ބަންޑުން ޖަހާލައި، އެ ލޯންޗުން ދަތުރުކުރި މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 2022 އޮކްޓޯބަރ 7 ވަނަ ދުވަހުގެ ވަގުތެއްގައެވެ.



ލޯންޗުން ދަތުރުކުރި ކަމަށް ބުނާ ދެ މީހުންގެ ތެރެއިން އެކަކު، އޮކްޓޯބަރ 5 ވަނަ ދުވަހުގެ 13:00 އެހައިކަންހާއިރުން ފެށިގެން ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް އޭނާގެ އާއިލާއިން އޮކްޓޯބަރ 6 ވަނަ ދުވަހުގެ 20:50 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވެއެވެ. އަދި ލޯންޗުން ދަތުރުކުރި ދެ މީހުންގެ ތެރެއިން އެކަކު ފެރިދޫ ފުއްޓަރާ ދިމާއިން އޮކްޓޯބަރ 7 ވަނަ ދުވަހު ވަނީ ފެނިފައެވެ.

އޭނާއަށް ފެރިދޫ ސިއްހީ މަރުކަޒުގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާ ދިނުމަށް އާއިލާގެ އެދުމަށް އޭނާ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމަށް ފުލުހުން ވިދާޅުވެއެވެ.



ލޯންޗު ބަންޑުން ޖަހާލިކަމުގެ މައުލޫމާތު ލިބުމާއެކު މެރިން ޕޮލިހުގެ ޑައިވް ޓީމެއް ހަމަ އެ ދުވަހު އއ. އަތޮޅަށް ގޮސް، މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ފުލުހުން ބުނީ މިހާތަނަށް ކުރެވުނު މަސައްކަތުގެ ތެރެއިން އދ. ހަންޏާމީދޫގެ ދެކުނު ކަނޑުއޮޅިން (އދ. އަތޮޅު އިރުމަތި) ފެށިގެން އަތޮޅުގެ ހުޅަނގަށް ވާގޮތަށް 87.6 އަކަ މޭލުގެ ސަރަހައްދެއް ވަނީ ބަލާފައިކަމަށެވެ. އަދި އއ. މާޅޮހު ފަޅުގައި އޮތް، ބަންޑުންޖަހާލި ލޯންޗު މިއަދު 13:30 އެހައިކަންހާއިރު ވަނީ ކަފުޖަހައިގެން ހިމަންދުއަށް ގެންގޮސްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.

ލޯންޗުން ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާއިރު، މި މަސައްކަތުގައި ފުލުހުންނާއި ކޯސްޓުގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ފެރިދޫގެ ހުޅަނގު ފުއްޓަރުފަރާތުގެ ކަނޑުގެ ސަރަހައްދު، ޑައިވްކޮށްގެން ބެލުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ.



ލޯންޗު ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އިތުރަށް އެއްކުރަންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން