އައްޑޫ ސިޓީގައި މިދިޔަ ޖޫންމަހު މަރާލި އުމުރުން 21 އަހަރުގެ މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި 4 ކުޑަކުއްޖެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ޖޫން މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި މުހައްމަދު ޒަޔާން މޫސާގެ މަރުގެ މައްސަލާގައި 18 އަހަރު ނުފުރޭ 4 ކުއްޖެއްގެ މައްޗަށް ދަޢުވާކުރުމަށް ޖުވެނައިލް ކޯޓަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ފޮނުވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ އެގޮތުން އެއް ކުއްޖެއްގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާއިރު، އަނެއް 3 ކުދިންގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ މި މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދަޢުވާ ލިބޭ 3 ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިޢުތިރާފުވެ، ޑައިވާރޝަން ފުރުޞަތަށް އެދިފައިވާތީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ ދަށުން ޑައިވާރޝަން އެގްރީމެންޓް ހަދާފައިވާކަމަށެވެ.

ޕީޖީން ބުނީ މިމައްސަލައިގައި ތުހުމަތުކުރެވޭ ޢުމުރުން 18 އަހަރުން މަތީގެ ފަސް މީހެއްގެ ބައި ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންކަމަށެވެ. އަދި ތަޙުޤީޤުގައި ކުރަންހުރި މަސައްކަތްތަކައް ބަލައި، މައްސަލަ ތަޙުޤީޤުކުރުމުގެ މުއްދަތު ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން އިތުރު ކޮށްދެމުން އަންނަކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޖޫންމަހު އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، ޒަޚަމްވި ޒަޔާން ނިޔާވީ ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު