އަހުމަދު މަސްނޫމް   8 އޮކްޓޯބަރު 2022 - 23:47
ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާ އިންވެސްޓްމަންޓާ އެކީ ޓްރާންސްޕޯޓް މިނިސްޓްރީން ހެދި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން އެ ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ސުޕްރީމް ކޯޓަށް ހުށައެޅި އިސްތިއުނާފް މައްސަލައިގެ ހުކުމްކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފައިވާއިރު، މި މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ނިންމާލާފައެވެ.

އެމްޑީޕީގެ ވެެރިިކަމުގަައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް ދީބާޖާއާއެކު ސަރުކާރުން ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރި މައްސަލާގައި އެ ކުންފުނިން ދައުވާ ކުރުމުން 2016 ވަނަ އަހަރު ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައެވެ. ސިވިލް ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ބާތިލްކޮށްފައި ވަނިކޮށް 2019 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ކަނޑައަޅާފައެވެ.

އެ ނިންމުން ރިވިއުކުރަން ދައުލަތުން ހުށަހެޅުމުން ސުޕްރީމް ކޯޓުން މިދިިޔަ އަހަރުގެ އޭޕްރީލް މަހު ވަނީ އެ ކޯޓުގެ ކުރީގެ ނިންމުން ގޯސް ކަމަށް ހުކުމްކޮށްފައެވެ. އެހެންކަމުން ހައި ކޯޓުގެ ހުކުމް ދެމި އެބައޮތް ކަމަށާއި އެކަމަކު ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ދީިބާޖާއަށް ލިބިގެންވާ ކަމަށް އެ ހުކުމުގައިވެއެވެ.

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ފަނޑިޔާރުންގެ ބެންޗުން ދެ ފަރާތަށް ވެސް ގިނަ ސުވާލުތަކެއް ކުރިމަތިކުރިއެވެ. އެއްބަސްވުން ބާތިލް ކުރުން ގޯސް ކަމަށް ދީބާޖާއިން ބުނާ ސަބަބު ސާފު ކޮށްދިނުމަށް ފަނޑިޔާރުންގެ ބެންޗުން ސުވާލު ކުރުމުން ދީބާޖާއިން ބުނީ އެއްބަސްވުން ބާތިލްކުރީ ދެ ރަށަކަށް ފެރީގެ ޚިދުމަތް ނުލިބޭތީ ކަމަށް ދައުލަތުން ބުންޏަސް، އޭގެކުރިން ވެސް ޚިދުމަތް މެދުކެނޑުނު ރަށްތަކަށް އަލުން ފެރީގެ ޚިދުމަތް ދިނުމަށް ދައުލަތުން ފުރުސަތު ދިން ކަމަށެވެ. އެހެންކަމުން އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ދީބާޖާއިން ވަނީ ބުނެފައެެވެ.

އެކަމަށް ރައްދު ދެމުން ދައުލަތުން ބުނެފައިވަނީ އެއްބަސްވުމުގެ މައިގަނޑު ކަމަކާ ޚިލާފްވެއްޖެ ނަމަ އެއްބަސްވުން ބާތިލް ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފަައިވާ ކަމަށެވެ. އަދިި ދީބާޖާއާ އެކު ހެދި އެއްބަސްވުން ބާތިލްކުރީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމް ކުރަން ދީބާޖާއާއެކު ހެދި އެއްބަސްވުމުގެ މަގްސަދު ހާސިލް ނުވުމުން ކަމަށާއި އެގޮތުން ފެރީގެ ޚިދުމަތް ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑުނުކަން ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

ދީބާޖާއިން ބުނީ ކުޑަކުރަތުގައި ރިސޯޓެއް ތަރައްގީ ކުރަން އެހެން ކުންފުންޏަކަށް ދީބާޖާއިން 1.5 މިލިއަން ޑޮލަރަށް ކުއްޔަށް ދީފައި ވަނިކޮށް ފެރީގެ ޚިދުމަތް ދިނުމުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރުމާ އެކު، ކުޑަކުރަތުގެ އެއްބަސްވުން ވެސް ސަރުކާރުން ބާތިލް ކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ ކުންފުންޏާއެކު ސަރުކާރުން މިހާރު ވަކިން އެއްބަސްވުމެއް ހަދާފަައިވާ ކަމަށާއި އެހެންވެ، ކުޑަކުރަތުން ދީބާޖާއަށް ލިބެމުންއައި އާމްދަނީ ހުއްޓިފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

ދީބާޖާއިން ބުނީ އެއްބަސްވުން ބާތިލް ކުރުމުން 70.5 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށް އެ ކުންފުނިން ހުށަހެޅި ހިސާބުތަކުން އެނގޭނެ ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ސަރުކާރުން ދީބާޖާއާ ހަވާލުކުރަން ޖެހޭ 47 ބިން ހަވާލު ނުކޮށް އޮތުމުން ވެސް ގެއްލުންތަކެއް ލިބުނު ކަމަށާއި އެކަންކަމަށް ދައުލަތުން ދަށު ކޯޓުގައި އިންކާރު ކޮށްފައިނުވާކަން ދީބާޖާއިން ވަނީ ސްޕްރީމް ކޯޓުގައި ފާހަގަކޮށްފައެވެ.

ދީބާޖާ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލާފައިވާއިރު އެ ކުންފުންޏާއެކު ކޯޓުން ބޭރުގައި މަޝްވަރާކޮށް، ބަދަލުގެ މިންވަރު 174 މިލިއަން ރުފިޔާއަށް ކުޑަކުރަން ދައުލަތުން ވަނީ އެއްބަސްވެފައެވެ. އެކަމަކު ސަރުކާރުން ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން