ހދ. ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިންޑަސްޓްރިއަލް ޕްރިޒަންގެ ފޭސް 1 ގެ މަސައްކަތް ކުރުމަށް ޔުނިކް ޗޮއިސް ޕްރައިވެޓާއި ހަވާލުކޮށް އެެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޯމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަޙްމާން ޞަލާޙް ރަޝީދެވެ. އަދި ޔުނިކް ޗޮއިސް ގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޔާޒް އަލީއެެވެ.



މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ، ނޭކުރެންދޫގެ ޖަލަކީ އިންޑަސްޓްރިއަލް ޖަލެއް ކަމަށާއި، އެ ޖަލު ހިންގާނީ އޯޕަން ޕްރިޒަމް ސިސްޓަމްގެ ތެރެއިން ކަމަށެވެ. އެއީ ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ނެރުމަށް ދުނިޔޭގެ ގައުމުތަކުގައި މިހާރު ތަންފީޒު ކުރަމުން އަންނަ އެންމެ ކާމިޔާބު ސިސްޓަމް ކަމަށް އިމްރާން ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ނޭކުރަންދޫ ޖަލުގެ މަސައްކަތާއި އެކު ކުރިއަށް ގޮސް އެ މަސައްކަތް ނިމުމުން ރާއްޖޭގެ ކުށުގެ ވެށްޓަށް ބޮޑު ހެޔޮ ބަދަލެއް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެެވެ.

ނޭކުރަންދޫ ޖަލުގެ ޕްރޮޖެކްޓަށް ޚަރަދުކުރުމަށް މި އަހަރަށް ލިބިފައި ވަނީ 10 މިލިއަން ރުފިޔާއެވެ. އަދި އަންނަ އަހަރަށް ހަމަޖައްސައި ދީފައި ވަނީ ވެސް 10 މިލިއަން ރުފިޔާ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން