ވެލާނާ އިންޓަނޭޝަލް އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރު އަތުން އަތުލަން މަސައްކަތް ކުރީ ޕީޕީއެމުން ކަމަށާއި އެ ތާރިޚު އޮޅުވާލަން ނޫޅުމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް، ރައީސް އަބުދު ﷲ ޔާމިން މިރޭ ގޮވާލައްވައިފިއެވެ.

ޕީޕިއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަހަގަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް، ޔާމިން ވިދާޅުވީ، އެއާޕޯޓް ޖީއެމްއާރު އަތުން އަތުލަން މަސައްކަތް ކުރީ އެމަނިކުފާނާއި ޕީޕިއެމުން ކަމަށާއި، އެކަމުގެ ކްރެޑިޓް ނަގަން ސަރުކާރުގެ އެއްވެސް ބޭފުޅަކު މަސައްކަތް ކުރަށްވާނެ ކަމެއް ނެތް ކަމަށެވެ.

ރައީސް ޔާމިން ވަނީ އެއާޕޯޓް ޖީއެމްއާރު އަތުން އަތުލަން ޕީޕިއެމުން ކުރި މަސައްކަތްތަކާއި ސިޔާސީ ބޭފުޅުންނާއެކު އެމަޝްވަރާތައް ހިނގައިދިޔަ ގޮތާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމިން ވިދާޅުވީ ޖީއެމްއާރު އެގްރިމެންޓް ބާތިލް ކުރުމަށް ދެ ފަހަރެއްގެ މަތިން ޕީޕިއެމްގެ ކައުންސިލުން ފާސްކޮށް އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދަށް އެކަން ހުށަައެޅުއްވި ކަމަށެވެެ. އެގޮތަށް ސަރުކާރަށް ހުށައެޅިފަހުން ޖީއެމްއާރު މައްސަލައިގައި މަޝްވަރާ ކުރުމަށް ސަރުކާރުގެ ދައުވަތެއް ލިބުމުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށް ރައީސް ޔާމިން ވިދާޅުވިއެެވެ.

"ހުރިހާ ބޭފުޅުން ތިބީ އޭރު ޖީއެމްއާރާއެކު ކުރިއަށް ވަޑައިގަންނަވަން، މިއަދު ވެސް މިތިބީ އެހެން ނޫންތޯ؟ މިއަދު ވެސް މިމީހުން މިތިބީ އިންޑިޔާއެކު ކުރިއަށްދާން. އެތައް އަހަރެއް ވެގެން ދިޔައިރުވެސް މި ހާލަތަކަށް ބަދަލެއް ނާދޭ. އޭރުވެސް ދިވެހިންނަށް ދިވެހި އެއާޕޯޓް، އެއާޕޯޓަކީ ދިވެހިންގެ މިނިވަންކަމާއި އަޅުގަނޑުމެންގެ އިގްތިސާދާ ގުޅިފައި އޮތް ކަމަކަށްވާތީ އަޅުގަނޑުމެންގެ ގޭޓްވޭ، އެކަމަކު އޭރުވެސް ތެދުވި ބަޔަކީ ޕީޕިއެމް. މިއަދު ވެސް އެތައް އަހަރަކަށްފަހު އެ ހަނގުރާމަ މި ލީޑްކުރަނީ އަޅުނޑުމެން." ރައީސް ޔާމިން ވިދާޅުވިއެވެ.



ރައީސް ޔާމިން ވިދާޅުވީ އެއާޕޯޓް ތަރައްގީ ކުރުމަކީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގެ މާސްޓަރ ޕްލޭންގައި އޮތް ކަމެއް ނޫން ކަމަށެެވެ. އެމްޑީޕީގެ ފަލްސަފާ އަކީ ރާއްޖޭގެ ހުރިހާ ހަރު މުދަލެއް ވިއްކާލުމަށްފަހު ސަރުކާރު ހިންގަން ބޭނުންވާނެ ލާރިކޮޅެއް ހޯދުން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

"އެ މާސްޓަރ ޕްލޭންގައި އޮތީ ދިވެހި ރާއްޖޭ އެއާޕޯޓް އިންޑިޔާ މީހުންނަށް ދީގެން ރާއްޖެ އަޅުވެތިކުރަން. ތާރިޚު ދަންނަ މީހުން މިކަންކަން ދައްކާނެ، 2008 ގައި ކޮށްފައި ހުރި މަސައްކަތެއް ނޫން މިއީކީ." ރައީސް ޔާމިން ވިދާޅުވިއެވެ.

ރައީސް ޔާމިން ވިދާޅުވީ، ޖީއެމްއާރު ހިމާޔަތް ކުރަން އިންޑިޔާ ސިފައިން އެއާޕޯޓްގައި ނުބޭތިއްބުމަކީ އެޅުނު ޅަ އެއްޗެއް ކަމަށް އިންޑިޔާ އިން ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި ސަރުކާރުން އިންޑިޔާ އަށް ދީފައިވާ ކަނޑުގެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމާޔަތް ކުރަން އިންޑިޔާ ސިފައިން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޮނުވާފައިވާ ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިއިރު 800 މިލިއަން ޑޮލަރު ބޭނުން ގޮތަކަށް ހަރަދުކުރަން ހުރި ކަމަށެވެެ. އެހެންނަމަވެސް ވެރިކަމަށް އައިސް ފުރަތަމަ ވެސް ކުރި ކަމަކީ އެކި ނަން ނަމުގައި ރައްޓެހިންނަށް ބަހާލުން ކަމަށް ޔާމިން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު