ޒަހީނުއްދީން ސަޢީދު   6 އޮކްޓޯބަރު 2022 - 1:11
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ބަޙްރައިނަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅެއްގައި ބަޙްރައިނަށް ވަޑައިގަތީ މިއަދު ހަވީރުގެ ވަގުތެއްގައެެވެ. ރައީސްގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބަޙްރައިން އިންޓަރނޭޝަނަލް އެއަރޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ބަޙްރައިން ޑިފެންސް ފޯސްގެ ފަރާތުން ވަނީ އެ ދެކަނބަލުންގެ ޝަރަފުގައި އޮނަރ ގާޑެއް އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށާއި، ސަރުކާރުގެ މަތީފަންތީގެ ވަފްދުގެ ބޭފުޅުންނަށް ބަޙްރައިން އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ބަޙްރައިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީއާއި، ބަޙްރައިންގެ ޝާހީ ޢާއިލާގެ މެންބަރެއްކަމުގައިވާ އަދި ސުޕްރީމް ކައުންސިލް ފޮރ ވިމެންގެ ބޯޑު މެންބަރ ޝެއިޚާ ހެސާ ބިންތު ޚަލީފާ އަލް ޚަލީފާ އެވެ.

ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ބަޙްރައިންގެ ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެެވެ. އަދި، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ގޮތުން ރަސްމީގޮތުން މަޝްވަރާކުރެއްވުމަށާއި، ދެ ޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން