ރާއްޖެ ތަރައްގީ ކުރެވޭނީ ތައުލީމީ ދާއިރާގެ ކަންކަން އަމިއްލަ ފަރުދުންގެ އަތްމައްޗަށް ދޫކޮށްލައިގެން ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު ރިޓަޔަރޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ދިވެހި ރާއްޖޭގެ މަތީ ތައުލީމާ ތަމްރީނުގެ ގާނޫނަށް ހުށައަޅާފައިވާ އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުންނެެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ ތައުލީމީ ދާއިރާގެ ކަންކަން އަމިއްލަ ފަރުދުންގެ އަތްމައްޗަށް ދޫކޮށްލަންޖެހޭ ކަމަށާއި ރާއްޖެ ތަރައްގީ ކުރެވޭނީ އޭރުން ކަމަށެވެ.

ނާޒިމް ވިދާޅުވީ އަމިއްލަ ފަރާތްތަކުން ހިންގާ ކޮލެޖްތައް ޔުނިވަރސިޓީތަކަށް ބަދަލު ކުރެވޭނެ އެއްގޮތެއް ވެސް މިހާރު ނެތް ކަމަށެވެ. އެގޮތުން ތަފާތު އުނދަގޫ ޝަރުތުތައް ސަރުކާރުން އެ ފަރާތްތަކަށް ކުރިމަތިކޮށްފައިވާ ކަމަށާއި އަމިއްލަ ކޮލެޖް ކުރިއަރައި ދިޔުމަށް އެއްވެސް ފުރުސަތެއް ސަރުކާރުން ފަހިކޮށްދީފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.

"ޚާއްސަކޮށް މެލޭޝިޔާ ފަދަ ގައުމުތަކުން އެމީހުން ކިޔަވައިދިނުމަކީ އިންޑަސްޓްރީ އެެއް ގޮތަށް ދެކިގެން އެމީހުން ވަރަށް ބޮޑެތި މަސައްކަތްތަކެއްކޮށް އެމީހުންނަށް އެ ކާމިޔާބުވީ. އެހެން ނަމަވެސް އަޅުގަނޑުމެން ސިޔާސީ މީހުން އެކި މީހުންނަށް ގޯނާ ކުރުމާއި ޖެއްސުން ކުރުމުގެ ތެރޭގައި ދިވެހިރާއްޖޭގައި ލިބެން އޮތް ނަފާ މިވަނީ ވަރަށް ބޮޑަށް ގެއްލުވާލާފަ،" ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން ނާޒިމް ވިދާޅުވީ ރާއްޖޭގައި ހިންގާ އަމިއްލަ ކޮލެޖްތަކުން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ވިލާ ކޮލެޖާއި ސައިރިކްސް ކޮލެޖާ އެވިޑް ކޮލެޖް ފަދަ ތަންތަން ހިމެނޭ ކަމަށް ނާޒިމް ވިދާޅުވިއެވެ. އަމިއްލަ ކޮލެޖްތައް ޔުނިވަރސިޓީއަށް ބަދަލުކުރަން ބޭނުންވާނަމަ އެކަމަށް މަގުފަހިކުރުމަށް ބޮޑެތި ލުއިތަކެއް ދޭންޖެހޭ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިހާރު ކޮލެޖެއް ޔުނިވަރސިޓީއަކަށް ބަދަލު ކުރުމަށް 15 އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަން ޖެހޭ ކަމަށާއި އެއީ މާ ދިގު މުއްދަތެއް ކަމަށެވެ. އެހެންކަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެކަމާއި މެދު ވިސްނައި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިހިނެއްތޯ 15 އަހަރުވަންދެން ބަޔަކު ކޮލެޖެއް ހިންގާނީ. އަޅުގަނޑުމެންނަކީ ތަރައްގީވަމުން ތަހުޒީބުވަމުން އަންނަ ގައުމެއް. މިގައުމަށް ބަދަލުތަކެއް އަންނަން އެބަޖެހޭ. ކަމާ ބެހޭ ވުޒާރާ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އެބަޖެހޭ އެކަމަށް ބަދަލުތަކެއް ގެންނަން. ރާއްޖޭގެ ތައުލީމީ އެތައް ބަޔަކު އުފެދިގެން އައިސް ތައުލީމީ ޖީލެއް ބިނާކުރުމަށްޓަކައި ޔުނިވަސިޓީތަކެއް އަންނަން އެބަޖެހޭ. އަޅުގަނޑުމެންގެ އިގްތިސާދުން ބޭރުވާ ފައިސާ ހުއްޓުވަން އެބަޖެހޭ،" ނާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން