އަހުމަދު މަސްނޫމް   5 އޮކްޓޯބަރު 2022 - 14:55
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަދި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބަޙްރައިނަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ބަޙްރައިންގެ ރަސްގެފާނު ޙަމަދު ބިން އީސާ އަލް ޚަލީފާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބަޙްރައިންގެ ރަސްގެފާނު ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާނެއެވެ.

މީގެ އިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިޔާއާ އެމަނިކުފާނުގެ އަނބިކަނބަލުން، ބަޙްރައިން ސަރުކާރުގެ އެހެން ބައެއް ޢިއްޒަތްތެރިންނާވެސް ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމާއި، ދެޤައުމުގެ ދެމެދު ބައެއް އެއްބަސްވުންތައް ބަދަލުކުރައްވާނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ބަޙްރައިންގެ ރަސްގެފާނު ބާއްވަވާ ރަސްމީ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމާއި މަތީފަންތީގެ ބައްދަލުވުންތައް ބޭއްވެވުމަށް ހަމަޖެހިފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ އޮކްޓޫބަރު 8 ވާ ހޮނިހިރު ދުވަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު