އަގުހެޔޮ އެއަރލައިންތަކުގެ ދަތުރުތައް ފެށުމުން ފްލައިޓްތަކުގެ ޓިކެޓް އަގުބޮޑުވެގެން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ބަޖެޓް އެއާރލައިނެއްކަމަށްވާ ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުން ފާހަގަކުރުމަށް އެއަރޕޯޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މައުސޫމް ވިދާޅުވީ ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައި މިވަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުނު މުނާސަބަތާ ދިމާކޮށްކަމަށާއި، އަދި މިފަދަ މުނާސަބަތަކާއި ދިމާކޮށް ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ ރަނގަޅު ފާލެއް ކަމަށެވެ.

"ރާއްޖެއަށް ދަތުރުކުރުމަށް އޮތް ޑިމާންޑާއި އެއްވަރަށް، ބާޒާރުގައި ތެޔޮ އަގުބޮޑުވުމުގެ ސަބަބުން، ފްލައިޓް ޓިކެޓްތައް ވަރަށް އަގުބޮޑު ވެފައި އޮތް ދުވަސްވަރެއްގައި ވިޒް އެއަރގެ ދަތުރުތައް މިފެށުނީ. ވަރަށް ބޮޑަށް ފާހަގަކޮށްލަންޖެހޭ މިއީ އަޅުގަނޑުމެންގެ ޓޫރިޒަމަށް 50 އަހަރު ފުރިފައި އަނެއް 50 އަހަރު ގުނަން ފަށާ ދުވަހު އަލަށް އެއަރލައިނެއް އޮޕަރޭޓްކުރަން ފެށުމަކީ ރަނގަޅު ފާލެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބަޖެޓް އެއާރލައިންތަކުގެ ސަބަބުން ޓިކެޓް އަގުބޮޑުވެގެން އަންނަ ލޮޅުންތައް ކުޑަކުރެވޭނެކަމަށެވެ.

"ހަފްތާއަކު ހަތަރު ފްލައިޓް އޮންނާނެ ވިޒް އެއަރގެ. 650 އަށްވުރެ ގިނަ ސީޓް އެ ލިބުނީ. ވަރަށް ރަނގަޅު ފެށުމެއް މިއީ. ވިޒް އެއާރއިން މެދު މާކެޓުގެ އަގުހެޔޮ ފްލައިޓްތަކުގެ ތެރޭގައި ހިމެނޭތީ ފްލައިޓްތަކުގެ ޓިކެޓް އަގުބޮޑުވެގެން ޑިމާންޑަށް އަންނަ ލޮޅުން ކުޑަކުރެވޭނެ." މިނިސްްޓަރ ވިދާޅުވިއެވެ.

ވިޒް އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު މި އެއަރލައިނުން ރާއްޖެއާއި އަބޫދާބީއާ ދެމެދު 97 ޑޮލަރަށް ދަތުރުކުރެވޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު