ރާއްޖޭގެ ރަށްރަށަށް ގެސްޓް ހައުސް ތައާރަފް ކުރެވުނީ އަބުދުލް ހަންނާނު، މާމިގިލީ ހަންނާނުގެ ހިތްވަރާއި ބުރަ މަސައްކަތުން ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ދިމާކޮށް އެދާއިރާއަށް އެކިގޮތްގޮތަށް ޚިދުމަތް ކުރަށްވާފައިވާ ބޭފުޅުންނަށް ވަނީ އެވޯޑް އަރުވާފައެވެ. އެކަމަށް އިޝާރަތް ކުރަށްވައި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވަނީ އެ ވޯޑްގެ ހައްގުވެރިއަކީ އަސްލު ކޮބައިތޯ ސުވާލު ކުރަށްވާފައެވެ.

އެގޮތުން ރަށްރަށަށް ގެސްޓްހައުސް ވިޔަފާރި ތައާރަފު ކުރުމުގެ އެވޯޑުގެ ހައްގުވެރިއަކީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ބޮޑުބޭބެ ވިދާޅުވާ އަބުދުލްހަންނާނު ކަމަށާއި އެއީ އޭނާގެ އަމިއްލަ ހިތްވަރުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ސައުދު ވިދާޅުވިއެވެ.



"ސަރުކާރުން ކަން ބަލާވަރު މީގެން މި ފެންނަނީ. ދެރަ ނިކަމެތި މީހާ ކަމެއް ކުރީމަ އޭގެ އަގުވަޒަން ކުރުން މާ މުހިންމު." ސައުދު ވިދާޅުވިއެވެެ.

ރާއްޖޭގެ ރަށައްރަށުގައި ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ދިނުމަށް މަޖިލީހުގެ ގަރާރަކުން ނިންމި ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމަށް އަބުދުލްހައްނާނު އިމާރާތްކުރި 03 ކޮޓަރީގެ ގެސްޓް ހައުސް ހިންގުމުގެ ހުއްދަ ނުދިނުމަށް ނިންމުމުން އޭނާގެ ފަރާތުން އެ މައްސަލަ 2008 ވަނަ އަހަރު ވަނީ މަދަނީ ކޯޓަށް ހުށައަޅާފައެވެ. އެކޯޓުން ވަނީ 03 ކޮޓަރީގެ އެ ގެސްޓް ހައުސްއަކީ ޓޫރިޒަމް މިނިސްޓްރީގެ ގަވާއިދާ އެއްގޮތަށް އިމާރަތް ކޮށްފައިވާ ތަނެއް ނަމަ އެތަން ގެސްޓް ހައުސްއެއްގެ ގޮތުގައި ހިންގުމުގެ ހުއްދަ ދިނުމަށް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު