ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަޒީރު ކަމުގެ ހުވައާއި ޚިލާފުވެވަޑައިގެންފައިވާ ކަމަށާއި އޭނާ ކައްފާރާ ދެއްވަންޖެހޭނެ ކަމަށް އަދާލަތު ޕާޓީގެއިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވީ، ރާއްޖޭގައި ކެސީނޯ އެޅުމާއި ގުޅޭގޮތުން ޔޫތު މިނިސްްޓަރު އަހުމަދު މަހުލޫފް ރައްޔިތުންގެ މަޖިލީހުގައި މިއަދު ދެެއްކެވި ވާހަކަ އަކާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ ވަޒީރުންނާއި އެނޫންވެސް އެފެންވަރުގެ ބޭފުޅުން މަޤާމާއި ޙަވާލުވެ ވަޑައިގަތުމުގެ ކުރިން ކުރައްވާ ހުވާގައި އިސްލާމްދީނަށް ޙުރުމަތްތެރިކޮށް ހިތަން އޮންނަ ކަމަށެވެ. އެހެންކަމަށްވާއިރު ކެސިނޯ ފަދަ ޙަރާމްކަމެއް ތަޢާރަފްކުރަން ގޮވާލައްވައިފި ބޭފުޅަކު ހުވަޔާއި ޚިލާފުވިކަމުގެ ކައްފާރާ ދައްކަވަންޖެހޭނެ ކަމަށް ޑރ. އިޔާޒް ވިދާޅުވިއެވެ.



"ހުވަޔާއި ޚިލާފުވުމުގެ ކައްފާރާއަކީ ދިހަ މިސްކީނުންނަށް ކާންދިނުން ނުވަތަ އަންނައުނު ދިނުން ނުވަތަ އަޅަކު މިނިވަންކުރުން. މިއިން ކަމަކަށް ނުކުޅެދިއްޖެނަމަ ތިން ދުވަހު ރޯދަ ހިފުން." ހުވާގެ ކައްފާރާ އަދާކުރާނެ ގޮތް ހާމަކުރަށްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.

މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު މަހްލޫފް ވިދާޅުވީ، ދީނީ ގޮތުން ހިލާފު އުފެދިފައިވާ ކަންކަމުގައި ވާހަކަދައްކައިގެން ގޮތްތަކެއް ހޯދަން ރާއްޖޭގައި ދަސްކުރަން ޖެހޭ ކަމަށެވެ. މަހުލޫފް ވިދާޅުވީ ރާއްޖޭގައި ކެސިނޯގެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އޭގެ ސަބަބުން އުޅެން ޖެހެނީ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް މަހުލޫފް ވިދާޅުވި އެެވެ.

އެއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަވެސް ގިނަފަހަރު ނުލިބޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ. އެފަދަ ކަންކަމުގައި މަޝްވަރާކޮށްގެން ގޮތްތަކެއް ހޯދެން ޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު