މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމުން ގުޅާލައި އެ ޚިދުމަތް ސަބްސިޑައިޒް ކުރުމަށް ދައުލަތުގެ އާމްދަނީ އިތުރުކުރަންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ޖެނުއަރީމަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލަންޖެހޭ ކަމަށެެވެ. ދަތުރުފަތުރުގެ ނިޒާމަކާއި ނުލައި ރާއްޖޭގެ އިގްތިސާދު ވެސް ނުހިގާނެ ކަމަށާއި ރައްޔިތުންގެ ޖީބަށް ވެސް ލުއިނުވާނެ ކަމަށް ޝިފާއު ވިދާޅުވިއެވެ. ހއ. އަތޮޅު ދަތުރުފަތުރުގެ ނިޒާމުން ގުޅާލާފައިވާއިރު ދަތުރުފަތުރުގެ ނިޒާމަކީ ރައްޔިތުންނަށް ފައިދާ ހުރި ނިޒާމެއްކަން މިހާރު ކަށަވަރު ވެފައިވާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

"އެހެން ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ހިނގާނީ ދައުލަތުން އެއަށް ސަބްސިޑައިޒް ކޮށްގެން. ދައުލަތުން ސަބްސިޑައިޒް ކުރަން ދައުލަތަށް އާމްދަނީ އިތުރުކުރަންޖެހޭ. ދައުލަތުގެ އާމްދަނީ އިތުރުކޮށްގެން ރާއްޖޭގެ ބާކީ ހުރި އަތޮޅުތަށް ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން ނޫނީ އެ ރައްޔިތުން އެދޭ މަތީ ތައުލީމަށް ވާސިލެއް ނުވެވޭނެ، އެ ރައްޔިތުން ބޭނުންވާ އަސާސީ ސިއްހީ ޚިދުމަތާއި ހަމަޔަށް ފަސޭހަކޮށް ވާސިލެއް ނުވެވޭނެ، މުޅި ރާއްޖެ އެއްކޮޅުން އަނެެއްކޮޅަށް ދަތުރުފަތުގެ ފަހިނިޒާމަކުން ގުޅާލައިގެން ނޫނީ." ޝިފާއު ވިދާޅުވިއެެވެ.

މީގެ އިތުރުން ޝިފާއު ވިދާޅުވީ މިއަދު އޮތީ ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ކަަމަށާއި ރައްޔިތުން ކަންތައްތަކުގައި ސަރުކާރުގައި އެދެނީ އެހެންވެގެން ކަމަށެވެ. މިސަރުކާރަކީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެންމެ ބޮޑު އިންވެސްޓެއް ކުރި ސަރުކާރު ކަމަށް ޝިފާއު ވިދާޅުވިއެވެ. އަދި މި ސަރުކާރު މަސައްކަތް ކުރި މިންވަރާއި ގާތަށް ވެސް ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތް ކުރި ސަރުކާރެެއް މިހާތަނަށް އައިސްފައިނުވާ ކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ގިނަގުނަ ކަންތައްތައް، މިސާލަކަށް ރަށްރަށުގެ ބަނދަރެެއް މި ސަރުކާރު އައިއިރު ނެތް، ސާފު ފެންފޮދެއް ލިބޭނެ ގޮތެއް ނެތް. ކުދިން ކިޔަވަން ފޮނުވާ ސުކޫލްގެ ކުލާސްރޫމެއް ލެބޯޓަރީ އެއް ނެތް އޮފީހެއް ނެތް ސްޓާފް ރޫމެއް ނެތް ސިއްހީ މަރުކަޒެއްވިއްޔާ ބަލިމީހާ ވައްދާނެ ޖާގަ އެއް ނެތް. ބެޑެއް ނެތް. މިހާލަތުގައި އޮތްއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި އެކުއެކީގައި މިހުރިހާ ފެސިލިޓީތަކެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދަނީ މި ސަރުކާރުން،" ޝިފާއު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު