ފަތުރުވެރިކަން ފުޅާވަމުންދާއިރު އެ ސިނާއަތުގެ އެކި ދާއިރާތަކުން ޒުވާނުން ތަމްރީންކުރަންޖެހޭކަމަށް ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްކޮށްދިން އެއް ބާނީ ކަމަށްވާ މަޓީގެ ޗެއަރޕާސަން މުހައްމަދު އުމަރު މަނިކު ވިދާޅުވެއްޖެއެވެ.

އެމް ޔޫ މަނިކު މިހެން ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޔޫ މަނިކު ވިދާޅުވީ ފަތުރުވެރިކަމަށް 50 އަހަރު ފުރޭއިރު އިންޑަސްޓްރީ ދެން ކުރިއަށް ގެންދަންވީ ގޮތާމެދު ވިސްނަންޖެހޭ ކަމަށެވެ. އަދި އެ މަސައްކަތް ކުރުން އޮތީ އަދުގެ ދިވެހި ޒުވާނުންގެ އަތްމަތީގައި ކަމަށާއި އެ ދާއިރާއަށް ބޭނުންވާ ތަމްރީނު ލިބިގަނެ ރަނގަޅު ގޮތުގައި ހިދުމަތް ކުރުން މުހިއްމުކަމަށް މަނިކު ވިދާޅުވިއެވެ.

އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރަންޖެހޭ ބައިވަރު ދާއިރާތައް އެބައޮތްކަމަށެވެ. އަދި މީހުން ބިނާކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެކަމެެއް ނޫންކަަމަށާއި، އެކަމުގައި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްބާރުލުން ދޭންޖެހޭކަމަށެވެ.

މަނިކުގެ ވާހަކައިގައި ރާއްޖޭގެ އިގްތިސާދަށް އަންނަ ކުރިއެރުމާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ކުރިއެރުތައް އަންނާނެކަން ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގެ އުތުރާއި ދެކުނުގައި އަޅާ ރީޖަނަލް އެއާޕޯޓުތަކުގެ ސަބަބުން ފަތުރުވެރިކަން ވަރަށް ބޮޑަށް ކުރިއަރާ ފަތުރުވެރިކަމަށް ރަން ދުވަސްވަރެއް އެއިރުން އަންނާނެކަންވެސް މުހައްމަދު އުމަރު މަނިކު ފާހަގަކުރެއްވިއެވެ.

މަނިކު ވިދާޅުވީ އުތުރާއި ދެކުނުގައި ގާއިމްކުރާ ދެ ރީޖަނަލް ހަބާއެކު ރާއްޖޭގެ އިގުތިސާދު ދެގުނަވެގެން ދާނެކަމަށެވެ. މީގެ އިތުރުން އުތުރުގައި ކުރިން ދަށްކޮށް އޮތް ފަތުރުވެރިކަން ކުރިއަރުވަން މި ސަރުކާރާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނެންގެވިކަން ފާހަގަކުރައްވާ ރައީސަށް އުމަރު މަނިކު ވަނީ ޝުކުރު ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު