ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އަޒްހާންގެ ފޯނު ފެނިފައިވާކަމަށާއި ނަމަވެސް އޭނާ މަރާލާފައިވާކަމަށް ބެލެވޭނެ ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހ.ބޮނޑިކަނދޮޅުގެ މުހައްމަދު އަޒްހާންގެ ހަށިގަނޑު ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު އިއްޔެ ވަނީ ހުޅުމާލޭ ސްކޭޓް ޕާކް ހުންނަ ސަރަހައްދާއި ކައިރިން ފެނިފައެެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނުނީ ވޯޓަރ ތީމް ޕާކު ހެދުމަށް ދޫކޮށްފައިވާ ސަރަހައްދާއި ދިމާލުން ނިރޮޅު މަގުގެ ހުޅަނގު ފަރާތުގައި ހުރި ވެޔޮގަނޑެއްގެ ތެރެއިންކަމަށެވެ.

ފުލުހުން ބުނީ ހަށިގަނޑު އިތުރު ތަހުލީލްކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އަޒްހާންގެ ފޯނު ފެނިފައިވާކަމަށާއި ނަމަވެސް އޭނާ މަރާލާފައިވާކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއްވެސް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގަށް ލިބެމުންދާ މައުލޫމާތު ކޮންމެ ދުވަހަކު އަޒްހާންގެ އާއިލާއާ ހިއްސާކުރަމުންދާކަމަށެވެ.

މިދިޔަމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 6:00 ހާއިރުން ފެށިގެން ގެއްލިގެން ހަބަރެއް ނުވެގެން އަޒްހާންގެ އާއިލާއިން ފުލުހުންނަށް އެންގީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އަދި އޭނާ ހޯދުމަށް އާއްމުކޮށް ފުލުހުން އިއުލާންކުރީ 20 ވަނަ ދުވަހުއެވެ.

ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުން އަޒްހާން އެންމެފަހުން ފެނިފައިވަނީ ހުޅުމާލެ ސްކޭޓް ޕާކް ސަރަހައްދުންނެވެ.



ކިޔުންތެރިންގެ ހިޔާލު