އިޤްތިޞާދީގޮތުން ރާއްޖެ ފޯރާފައިވާ އައްސޭރިއަށް އާދެވުނީ ފަތުރުވެރިކަމުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ޖަޒީރާތަކުގައި ފަތުރުވެރިކަން އުފަންކުރެއްވި ބޭފުޅުންގެ ވާހަކަ އަޅުގަނޑުމެން ވަރަށް ގިނައިން ދައްކައިފިކަމަށާއި. ދިވެހިންގެ ދޫދޫމަތިންވެސް އެ ވާހަކަތައް ތަކުރާރުވާނޭކަމަށެވެ. ސަބަބަކީ، އިޤްތިޞާދީ ގޮތުން މިއަދު މި ރާއްޖެ ފޯރާފައި މިވާ އައްސޭރިއަށް، މި ޤައުމާއިގެން ދިވެހިންނަށް އާދެވުނީ، އެ ބޭފުޅުން އެ ދުވަހު ކެރިވަޑައިގެން އެ ގޮންޖެހުންތަކާ ކުރިމަތިލެއްވީމަކަމަށް ރައީސް ވިދާޅުވިއެވެ.

"ތަކުރާރުކޮށް އެ ވާހަކަ ދެކެވުނަސް، މިރޭވެސް އަޅުގަނޑުގެ އެންމެ އިސް ވާޖިބެއް ކަމުގައި ދެކެނީ، އެ ބޭފުޅުންގެ އެ މަސައްކަތަށް ޝުކުރު ދެންނެވުން. ހެލްތު މިނިސްޓަރ އަޙްމަދު ނަސީމާއި މުޙައްމަދު ޢުމަރު މަނިކު އަދި ޗަމްޕާ ޙުސައިން ޢަފީފް. އަދި އެ ތިން ބޭފުޅުންނަށް އެހީތެރިވެދެއްވި އިޓަލީ ވިލާތުގެ ޖޯޖް ކޯބިން އަށް ވެސް ވަރަށް ޚާއްޞަ ޝުކުރެއް އަދިވެސް އެއްފަހަރު އަޅުގަނޑު ދަންނަވަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މިހާ ހިސާބަށް އައިއިރު، ތަފާތު ދައުރުތައް ފެނިފައި އެބަހުރިކަމަށެވެ. އަދި އެންމެ ފުރަތަމަ މި ޞިނާޢަތް ރާއްޖޭގައި އުފަންކުރުވި ޕައިނިއަރުން، މި މަސައްކަތް ފެށްޓެވި ގޮތް އަދި އެކަމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތައް އެބަހުރިކަމަށެވެ.

"އެ ބޭފުޅުން މި މަސައްކަތް ރާއްޖޭގައި ފެށްޓެވުމާއެކު، ފެނިގެން ދިޔައީ ކޮންމެވެސް ކަމެއް ކުރިމަތިކުރުވައިގެން، މި ދެންނެވި ތިން ބޭފުޅުން، ކުޑަ ވަގުތުކޮޅަކަށް ނަމަވެސް، އެމަސައްކަތާ ދުރަށް ޖެހިލަން ޖެހުނު މަންޒަރު. ނަމަވެސް އެ ބޭފުޅުންގެ ޢަޒުމަކަށް ބަދަލެއް ނާދެ. ޢާއިލާގެ އެހެން ބޭފުޅުންނާއި ރައްޓެހިން މެދުވެރިކޮށް، އެ މަސައްކަތް ފުރިހަމަ ކުރައްވައި ނިންމެވި. ދިވެހި ފަތުރުވެރިކަމުގެ ބިންގަލާ ގުޅިފައިވާ މި ޙަޤީޤަތްތައް ސާފުކޮށް ލިޔެ، ތާރީޚަށްޓަކައި އެބަ ރައްކާކުރަންޖެހޭ. ކަންވީގޮތް ތެދުބަހުން ލިޔެ، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ ރިޒޯޓާއެކު، މަދުން ނަމަވެސް ސަފާރީ އުޅަނދުފަހަރާއި، ގެސްޓްހައުސްތަކާއި، ޑައިވިންގ ސެންޓަރުތައް މާލެއާ ކައިރި ބައެއް ރަށްރަށުގައި ހުޅުވިގެންދިޔަކަމަށެވެ. އޭގެ ތެރޭގައި، މި އަތޮޅު ހުރާ، ހިންމަފުށި، ތުލުސްދޫ ނ. އަތޮޅު ވެލިދޫ ފަދަ ބައެއް ރަށްރަށުގައި މިފަދަ ޞިނާޢަތްތައް ފެށިގެންދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަދުވެސް ވެލިދުއާ ފަތުރުވެރިކަމާ ދެމެދު އެ އޮތް ގާތްކަމަކީ، އެ ރަށާއި ދިވެހި ފަތުރުވެރިކަމާ ދެމެދު އޮތް ޒަމާންވީ ގުޅުން ދޭހަކޮށްދޭ ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

"ނަމަވެސް، ދެން އަޅުގަނޑުމެންނަށް ފެނުނީ، މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުން މުޅިން ހުއްޓުމަކަށް އައި މަންޒަރު. ދުވަސްތަކެއް މެދުކެނޑުމަށްފަހު، ގެސްޓްހައުސްތައް މުޅި ރާއްޖެއަށް ފެތުރިގެންދިޔައީ، 2008 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެން، ސަރުކާރުގެ ސިޔާސަތަށް ގެންނެވި ބޮޑު ބަދަލާ ގުޅިގެން. މިއަދު އެކަމުގެ ނަފާ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުން އެދަނީ ފެންނަމުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން، ދުނިޔޭގެ އެންމެ ލަގްޒަރީ ޕްރޮޑަކްޓަކަށް ހެއްދެވުމަށްޓަކައި ސޯނޫ ޝިވްދަސާނީ ފަދަ ބޭރުގެ ބައެއް އިންވެސްޓަރުން ކުރެއްވި މަސައްކަތަކީ ވެސް، މިފަދަ ޙަފްލާއެއްގައި ފާހަގަކުރަންޖެހޭނެ ކަމެއް ކަމަށެވެ. އަދި މިއަދު ދިވެހިރާއްޖެއަކީ، ލަގްޒަރީ ހޮޓާ ރިޒޯޓްތަކުން ފެށިގެން ހުރިހާ ފަންތިއެއްގެ ޓުއަރިޒަމަށް ހުޅުވިފައި އޮތް، އަދި މުޅި ދުނިޔެ ބަލައިގެންފައިވާ މަންޒިލެއްކަމަށް ރައިސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޤައުމީ ތަރައްޤީއާ ގުޅިފައިވާ ޞިނާޢަތްތައް ތަރައްޤީ ކުރުމުގައި، ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަންޖެހޭ ގުޅުމާޢި ޕްރައިވެޓް ސެކްޓަރުން ތަރައްޤީކުރާ ޞިނާޢަތްތަކަށް ސަރުކާރުން ނުވަދެ އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ ފެންނަމުންދާކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ޞިނާޢަތަކަށް ދިވެހި ފަތުރުވެރިކަން ވެގެންދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސަރުކާރުގެ ދައުރަކީ ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ޤާނޫނީ އޮނިގަނޑުގެ ތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު