އިންޑިއާ ސަރުކާރުން ދިވެހި އަސްކަރިއްޔާއަށް 24 ވެހިކަލް ހަދިޔާކޮށްފިއެވެ.

މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރަސްމީކޮށް މި ވެހިކަލްތައް ދިވެހި އަސްކަރިއްޔާއަށް ޙަވާލުކޮށްދެއްވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކްވަތުރާއެވެ. ދިވެހި އަސްކަރިއްޔާއިން މި ވެހިކަލްތަކާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.



މި ރަސްމިއްޔާތުގައި ވެހިކަލްތަކާއި ހަވާލުވެވަޑައިގަތުމަށްފަހު ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވަނީ އަވައްޓެރި ޤައުމެއްގެ ހައިސިއްޔަތުން ހުރިހާ ގޮތަކުން ވެސް އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ.



މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތަށްފަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ މާރިޔާއާއި ވިނޭ ވަނީ ދިފާއީ ދާއިރާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގައި މިނިސްޓަރ ވަނީ ރާއްޖޭގެ ދިފާއީ ބާރުގެ ކުރިއެރުމަށް އިންޑިއާއިން ދެމުން އަންނަ އެއްބާރުލުމާއި، އެހީތެރިކަން ފާހަގަކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު